ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ޒުވާނުން ކުރިއަރާދާން ބޭނުންވާ މަގު ދައްކައިދޭ: ވަޒީރު


  • މެރިއޮޓާ ގުޅިގެން ހިންގާ ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ތަމްރީން ވަނީ ފަށާފައި

  • އެކި ދާއިރާތަކަށް ބޭނުންވާ އަސާސީ ހުނަރުތައް ތަމްރީނުތަކުން ދަސްކޮށްދެވޭނެ

  • އެޕްރެންޓިސްޝިޕްގެ 2 ވަނަ ބެޗުގައި 60 ޒުވާނުން ތަމްރީން ވާނެ

ޒުވާނުން ކުރިއަރާ ދާން ބޭނުންވާ ދާއިރާތަކަށް ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމުން މަގު ދައްކައިދޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއާއި މެރިއޮޓް އިންޓަރނަޝޭނަލް ގުޅިގެން ދިވެހި ޒުވާނުންނަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މެރިއޮޓް އިންޓަނޭޝަނަލްއާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ތަމްރީންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި ދެވަނަ ބެޗުގައި ބައިވެރިވާ ޒުވާނުންނަށް ވަނީ ޕްރޮގުރާމުގެ ތަމްރީނަށް ހޮވުނުކަމުގެ ލިޔުން ދީފައެވެ. ބައިވެރިންނާ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ޒުވާނުން ކުރިއަރާދާން ބޭނުންވާ ދާއިރާތަކުުން އަސާސީ ހުނަރުތައް އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ދަސްކޮށްދޭނެ ކަމަށެވެ. އަދި މި ޕްރޮގުރާމުން ޤައުމު ޤަބޫލުކުރާ ވަރުގެ ޒުވާނުންތަކެއް އުފެއްދޭނެކަމަށާއި އެ ކުދިންގެ ކުރިމަގުގެ ބިންގާ އަޅާދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިބްރާހީމް ވިދާޅުވީ ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ދެވަނަ ބެޗުގެ ދަރިވަރުންނަށް ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ނަގައިދޭނެ ކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3ގެ ސެޓްފިކެޓެއް ތަމްރީން ފުރިހަމަކުރާ ޒުވާނުންނަށް ލިބޭނެކަމަށެވެ.

"އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ތަފާތު ދާއިރާތަކުން ކަންކަން ދަރިވަރުންނަށް ދަސްވާނެ. އެގޮތުން ފްރަންޓް އޮފީހާއި ކަލިނަރީ ނުވަތަ ކެއްކުމުގެ ދާއިރާއާއި ހައުސް ކީޕިންފަދަ ދާއިރާތަކުން ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 43 އިންސައްތައަކީ ޒުވާނުން ކަމަށްވާއިރު އެ ޒުވާނުން ކުރިއަރާދާން ބޭނުންވާ މަގު ކޮށައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ވަޒީފާގައި ނޫޅޭ މީހުންގެ ރޭޓު ދަށް ކުރެވި ހުނަރުވެރި ބަޔަކު ވަޒީފާގެ ބާޒާރަށް ނެރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަކީ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ މަޤުސަދެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީ ވެސް ޕްރޮގުރާމުގެ މަޤުސަދުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ވިދާޅުވެއެވެ.

މީގެ ކުރިން ރިސޯޓު މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި 43 ޒުވާނުން ދަސްވެނިވެފައިވެއެވެ. އަދި މި ފެށި އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި 60 ޒުވާނުން ތަމްރީންވާނެއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު 6 ދާއިރާއަކަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އިޖުތިމާޢީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ފަންނިއްޔާތުގެ ދާއިރާއެވެ.