ޚަބަރު

އުނގޫފާރުގައި ހިނގި ހާދިސާގައި ކަރަންޓުގަޖެހި ހާލުދެރަވި ޒުވާނާ ނިޔާވެއްޖެ


  • 18 އަހަރުގެ ޒުވާނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި

  • އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް

  • ކަރަންޓުގައި ޖެހުނު 8 އަހަރުގެ ކުއްޖާގެ ޙާލު ރަނގަޅު

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގެ މަގުމަތީގައި އުޅެނިކޮށް ކަރަންޓް ޖެހުނު 8 އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުނު ޒުވާނާއެވެ.
ކަރަންޓުގައި ޖެހުނު 8 އަހަރުގެ ކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ހިނގި އެހާދިސާގައި ކަރަންޓު ޖެހުނު ޒުވާނާގެ ހާލު ސީރިއަސްވުމާއި ގުޅިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.

އޭނާ އަށް ފަރުވާދެމުންއައީ އައިޖީއެމްއެޗްއިންނެވެ. އެހޮސްޕިޓަލުން ވަނީ އެ ފަރުވާދެމުންދިޔަ އެޒުވާނާ މިއަދު ހެނދުނު 10:30 ގައި ނިޔާވެފައިވާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވީ އެދުވަހު ކަރަންޓުގައި ޖެހުނު 8 އަހަރުގެ ފިރިހެން ކުއްޖާ އާއި އެމަންޒަރު ފެނިގެން ނަފްސާނީގޮތުން ގެއްލުންވި 10 އަހަރުގެ އަންހެން ކުއްޖާއަށް ފަރުވާދިނުމަށްފަހު ހާލު ރަނގަޅުވުމުން ހަމަ އެދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ނިޔާވި 18 އަހަރުގެ ޒުވާނާއަށް ކަރަންޓު ޖެހެން މެދުވެރިވީ މަގުމަތީގައި ހުރި މަގުބައްތިތަކުން، ފެންގަނޑަކަށް ލީކުވެފައިހުރި ކަރަންޓުގައި ޖެހުނު ކުޑަ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ.