ޚަބަރު

ގައު ހުދުވާތީ މަޑުޖައްސާލި 200 މަޝްރޫޢުގެ މަސައްކަތް މިހާރު ފެށޭނެ: ވަޒީރު


  • ގައު ހުދުވުމުގެ މައްސަލަ ބޮޑުވީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި

  • ބިން ހިއްކުންފަދަ މަޝްރޫޢުތައް ފެށުމުގެ ހުއްދަ އީޕީއޭއިން ވަނީ ދީފައި

ގައު ހުދުވުމުގެ މައްސަލަ ދިމާވާތީ މަޑުޖައްސާލި 200 މަޝްރޫޢުގެ މަސައްކަތް މިހާރު ފެށޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ގައު ހުދުވުމުގެ މައްސަލަ ރާއްޖެއަށް ދިމާވާނެކަމަށް ލަފާކޮށް މެއި މަހުގެ 9 ވަނަ ދުވަހު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މަޝްރޫޢުތައް ހުއްޓާލަން އެންގުމަށްފަހު ގައު ހުދުވުން މަޑުޖެހެމުންދާތީ އިޕީއޭއިން މަޝްރޫޢުތައް ފެށުމުގެ ހުއްދަ އަލުން ދެއްވުމާއި ގުޅިގެންނެވެ.

ގައު ހުދުވުމުގެ މައްސަލަ ދިމާވަނީ ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުންނެވެ. މިދިޔަ މަހުގެ 9 ވަނަ ދުވަހު އީޕީއޭއިން ބުނެފައިވަނީ އެމެރިކާގެ ކަމާބެހޭ އިދާރާއަކުން ނެރެފައިވާ އެންމެ ފަހުގެ ސެޓްލައިޓު މަޢުލޫމާތަށް ބަލާއިރު, އޭރު ރާއްޖެ އޮތީ "އެލާރޓް ލެވަލް 1"ގައި ކަމަށެވެ. އެހެންކަމުން ގައު ހުދުވުމުގެ މައްސަލަ ދިމާވުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑު ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގައު ހުދުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނު މިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ހުއްޓާލި މަޝްރޫޢުތައް ފެށުމުގެ ހުއްދަ އީޕީއޭއިން މިހާރު ދެއްވާފައިވާކަމަށާއި އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އީޕީއޭއިން ކުރި އިޢުލާނުގައި އޮތީ ބިން ހިއްކުމާއި ފަޅު ފުންކުރުމާއި ގޮނޑުދޮށަށް ވެލިއެޅުންފަދަ މަޝްރޫޢުތައް 1 މަސް ދުވަހަށް މަޑު ޖައްސާލަން. މިހާރު އެ މަސައްކަތް ފެއްޓުމަށް މިވަނީ ހުއްދަ ލިބިފިފައި. މަސައްކަތް ކުރެވޭ މަގު ފަހިވެފައި މިވަނީ." ޠާރިޤް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހުއްޓާލާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތަކުގެ ތެރޭގައި 200 އަށްވުރެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ ގައު ހުދުވަނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ގައުތަކަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށެވެ. ފަޅުތަކުގައި އިތުރަށް މަޝްރޫޢުތައް ހިންގާނަމަ ގެއްލުން އިތުރުވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ގައު ހުދުވުން ހުއްޓުވުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅަކީ ފަޅުތަކުގައި ހިންގާ މަޝްރޫޢުތައް ވަގުތީގޮތުން ހުއްޓާލުން ކަމަށެވެ. އަދި ވަގުތީގޮތުން މަޝްރޫޢުތައް ހުއްޓާލަން އެންގީ މި ސަބަބާހުރެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ބައިވަރު މަޝްރޫޢު މަޑު ޖައްސާލާފައި މި ފެއްޓުނީ. ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ތިމާވެށީގެ ގޮތުން ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން. މަޝްރޫޢުތައް ހުއްޓާލަން އަޅުގަނޑުމެން އެންގި އެންގުމަށް ވަރަށް ގިނަ ކުންފުނިތަކުން އިޖާބަދިން. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އިޢުލާނުކުރާނަން މިފަހަރު ގާ ހުދުވުމުގެ މައްސަލަ ކިހާ މިންވަރަކަށް ރާއްޖެއަށް ދިމާވެފައި އޮތްކަން." ވަޒީރު ވިދާޅުވިއެވެ.

މި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި 4 ފަހަރަށް ގައު ހުދުވުމުގެ މައްސަލަ ދިމާވެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ގާ ހުދުވުމުގެ މައްސަލަ ރާއްޖެއަށް ދިމާވީ 1998 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން މި މައްސަލަ ދިމާވީ 2016 ވަނަ އަހަރުއެވެ. ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު އެންމެ ގިނައިން ހުދު ވެފައިވަނީ މުރަކައާއި އަކިރީގެ ބާވަތްތަކެވެ. އަދި މިހާތަނަށް ބެލިބެލުމުން މިފަހަރު އެންމެ ބޮޑަށް ހުދުވެފައިވަނީ ހިރިގާ ފަދަ ބޮޑެތި ގާކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ގައު ހުދުވުމުގެ ޕީކް ސީޒަން މި ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި ނިމިފައިވުމުން މަޝްރޫޢުތަކުގެ މަސައްކަތް ދެން ކުރާއިރު އީޕީއޭގެ މިންގަނޑާ އެއްގޮތަށްކުރާ ނަމަ ތިމާވެށީގެ ގޮތުން ދިމާވާ ގެއްލުންތައް ކުޑަަކުރެވޭނެކަމަށެވެ.

ގައު ހުދުވުމުގެ މައްސަލަ މަޑު ޖެހުމާއެކު ހުއްޓިފައިވާ މުހިންމު ބޮޑެތި މަޝްރޫޢުތައް ފެށިގެންދާނެއެވެ. މީގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅުކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުންފަދަ މަސައްކަތްތައް އަލުން ފެށޭނެއެވެ.