ޚަބަރު

ރައީސްގެ ވައުދާޢި އެއްގޮތަށް މާލެއިން ބޭރުގައި ބެހެއްޓި ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި


  • މި އޭޓީއެމް މެދުވެރިކޮށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ މާފުށި ބްރާންޗުގައި އަލަށް ބެހެއްޓުނު މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ.

މިއީ މާލެ ސިޓީން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމްއެވެ. މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކްއަށް އިތުރުވެގެންދާ އެޓީއެމްއެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުންކަމަށެވެ.

"އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މި ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން." ނިމާލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުންވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށްފައެވެ. މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތާއި އެކު ބީއެމްއެލުންއިން އަންނަނީ ޒަމާނީ ފެންވަރުގެ ބޭންކިންގ ހިދުމަތެއް ފޯރުކޮށްދެމުންނެވެ.