ޚަބަރު

މިހާރު ބިލު އޮތްގޮތުން އިސްރާއީލު ޕާސްޕޯޓު މައްސަލައަށް ހައްލު ލިބޭނެކަމަށް ޤަބޫލުނުކުރެވޭ: އޭޖީ


  • އިސްރާއީލު ޕާސްޕޯޓު މަނާކުރަން ބިލު ހުށައެޅީ މިދިޔަ މަހުގެ 29 ގައި

  • ސަރުކާރުން ބޭނުންވާ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ބިލަށް ގެންނާނެ

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދުމަށް އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ހުށައަޅާފައިވާ އިސްލާހުގެ ބިލު މިހާރު އޮތް ގޮތުން އެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެކަމަކަށް ޤަބޫލުނުކުރެވޭކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޤަސްދުކުރާ ބިލުތައް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އިޢުލާނުކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފަލަސްޠީނުގެ މުސްލިމް އަޙުންނާއި އުޚުތުންނަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މި ބިލު ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މެމްބަރު މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. އެއީ ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި ދެ ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނޭހެން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށެވެ.

އޭގެ ފަހުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައެވެ.

ލެޖިސްލެޓިވް އެޖެންޑާއިޢުލާނުކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން މިހާރު މަޖިލީހަށް ބިލެއް ހުށައަޅާފައި އޮތުމުން ސަރުކާރުން އިތުރަށް ބިލެއް ހުށައެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އެ ބިލަށް ގެންނަން ބޭނުންވާ އިސްލާޙުތައް ކޮމިޓީ މަރުހަލާގައި މަޝްވަރާކުރާއިރު ގެންނަވާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މިހާރު ބިލު ހުށައަޅާފައި އޮތް ގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ މައްސަލައަށް މުޅިއެކު ހައްލެއް ލިބޭނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭކަމަށްވެސް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން އެއްކަމަކާ ގުޅޭގޮތުން ދެވަނަ ފަހަރަކަށް ބިލެއް ހުށަނޭޅޭނެ. މިހާރު ހުށަހަޅަފައި އޮތް ބިލު ބަލައިގެންފައި ކޮމިޓީ ސްޓޭޖްގައި އިސްލާހުކުރުން އެންމެ ފަސޭހަ ގޮތަކަށްވާނީ. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މިހާރު އެ ބިލު އޮތީކީ އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭ ގޮތަކަށް ކަމެއް. ބިލު އިސްލާހު ކުރަންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އަށްވަނީ ފޮނުވާފައެވެ.

އިސްރާއީލުގެ ޖައްބާރު ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ރާއްޖޭގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ފަލަސްޠީނުގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ޚާއްސަ ޓެކެތޯންއެއް މިމަހުގެ 12 ވަނަ ދުވަހު ޕީއެސްއެމްއިން ވަނީ ބާއްވާފައެވެ. އަދި ފަލަސްތީނުން ރާއްޖޭގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެންވޯއީއެއް ކަނޑައެޅުއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.