ޚަބަރު

ދިވެހި ޙައްޖުވެރީން މިހާރު ތިބީ މިނާގައި، އެންމެންގެ ހާލު ރަނގަޅު


  • ރޭ ދަންވަރުން ފެށިގެން ދިވެހި ޙައްޖާޖީން ވަނީ މިނާއަށް ދާން ފާށާފައި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިނާއަށް ގޮސްފިއެވެ.

1100 އަށްވުރެ ގިނަ ދިވެހި ހައްޖުވެރީން މީނާއަށް ދާން ފުރީ ރޭ ދަންވަރު ފެށިގެންނެވެ. ދިވެހި ހައްޖުވެރީން މީނާއަށް ގޮސްފައިވަނީ ގާތްގަނޑަކަށް 25 ބަހުގައެވެ. ދިވެހި ޙައްޖުވެރިން މިނާއަށް ދެވިފައިވަނީ މިއަދު ހެނދުނު މައްކާ ގަޑިން ގާތްގަނޑަކަށް 8:40 ކަންހާއިރުން ފެށިގެންނެވެ.

މިނާގައި ހުރިހާ ދިވެހި ޙައްޖުވެރިންވެސް ތިބީ އެއްތަނެއްގައެވެ. އަދި އެހެން އަހަރުތަކެކޭ ޚިލާފަށް މިފަހަރު މިނާގައި ދިވެހި ކެއުން ލިބޭކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ޙައްޖުވެރީން މިހާރު ތިބީ މިނާގައި ހުރި ދިވެހި ފޭލިގެތަކުގައި ކަމަށާއި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށެވެ. އަދި މިނާ އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިހާރު ވަނީ ފޭލިގެ ޖަހާ އޭސީ ހަރުކޮށްފައިކަމަށްޗެސް ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

ދިވެހި ޙައްޖުވެރިން މަޝާއިރުތަކަށް ތައްޔާރުކުުރުމުގެ ގޮތުން މިފަހަރުގެ ޙައްޖުގައި ބައިވެރިވެވަޑައިގަންނަވާ ޝެއިޚުންގެ ޓީމުން އަންނަނީ ދީނީ ހޭލުން ތެރިކަން އިތުރުކޮށް ޙައްޖާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރައްވަމުންނެވެ. މީގެ އިތުރުން މިނާ އަރަފާތުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ވަނީ އެތަންތަނުގައި ބަލި މީހުންނަށް ކޮންމެހެން ބޭނުންވާ ސާމާނު ހޯއްދަވައިދެއްވާފައެވެ. އަދި މިނާގައި ދިވެހިންނަށް ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފައިވެއެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެހެންކަމުން ހުރިހާ ޙައްޖުވެރިންވެސް މާދަމާ އަރަފާތު ބިމަށް ދާނެއެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި އެހީތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަގޮތެއްގައި މިއަހަރުގެ އަރަފާތު ދުވަހަކީ ހޫނުގަދަ
ދުވަހަކަށް ވުމުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކާއެކު 5 ޑޮކްޓަރުންނާއި 6 ނަރުހުން ހަރަކާތްތެރިވެއެވެ.

ޙައްޖުވެރިން މިނާއިން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތު ބިމަށެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، 3 ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލް އިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.