ޙައްޖުގެ އަޅުކަމުގެ މަނާސިކުގެ ތެރެއިން ތިން ޖަމްރާއަށް ހިލަ އުކުމަކީ އެންމެ މުހިންމު އެއް މަނާސިކެވެ. ޖަމްރާތަކަށް ހިލައުކަން ޖެހެނީ އިބްލީސް ފައްސާލުމަށް ސަލާމްލެއްވި އިބްރާހީމްގެފާނު ހިލަ އުއްކެވުމުން އެކަން ހަނދާން ކުރުމުގެ ގޮތުންނެވެ.
ކީރިތި ރަސޫލާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙައްޖަތުލްވަދާއުގައި އެކަލޭގެފާނުވަނީ އިބްރާހީމްގެ ފާނަށް އިގްތިދާވުމުގެ ގޮތުން ތިން ފަހަރު ހިލަ އުއްކަވާފައެވެ. މިއާއެކު ޙައްޖުވެރިންގެ ތެރެއިން ކޮންމެ ޙައްޖުވެރިއަކުންވެސް 21 ހިލަކޮޅު ތިން ޖަމްރާއަށް އުކަން ޖެހެއެވެ.
ތިން ޖަމްރާއަކީ އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށްޓަކައި ހިލަ އުއްކެވި ތިންތަނެވެ. އިބްލީސް ފެނުނު ތިންތަނަކީ ޖަމްރާތައް މިހާރު ހުރި ތިން ތަންތަނެވެ. އެއީ މިނާގެ އަލްއަޤަބާ ސަރަޙައްދެވެ. ޢީދު ދުވަހު ޙައްޖުވެރިން ހިލަ އުކާނީ ހަމައެކަނި ޖަމްރަތުލް އަޤަބާ އަށް އެކަންޏެވެ. ޢީދު ދުވަހަށްފަހު ދެން އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގައި ޙައްޖުވެރިން ތިން ޖަމްރާއަށްވެސް ހިލައުކާނެއެވެ.
މިނާގައި ހުންނަ މި ޖަމްރާތަކަށް ކޮންމެ އަހަރަކުވެސް އެތައް މިލިޔަން ޙައްޖުވެރިން ހިލައުކަމުންދާއިރު ޖަމްރާގެ އެތެރެއާއި ބޭރުގައިވެސް އެތަކެއް ހިލަކޮޅުތައް ހުންނާނެއެވެ. ކޮންމެ އަހަރެއްގެ ޙައްޖުގެ އަޅުކަމަށްފަހު އެތަނުގައިއުކާ ހިލަކޮޅުތައް ހުންނަނީތޯ ނުވަތަ އެއަށް ހަދަނީ ކިހިނެތްތޯ މިއީ ބައެއް ފަރާތްތަކުން ޝަޢުގުވެރިކަމާއެކު އެނގެން ބޭނުންވާ މަޢުލޫމާތެކެވެ.
ޖަމްރާތަކަށް ހިލަ އުކާ ނިމުމުން އެތަންތަނުން ހިލަތައް ނެގުމުގެ މަސައްކަތްތައް ކުރެއެވެ. ޖަމްރާތަކަށް އުކާ ހިލަކޮޅުތަކުގެ ތެރެއިން ބޮޑު ބައެއް ވެއްޓެނީ ޖަމްރާތަކުގެ އަޑީގައި 15 މީޓަރު ފުނުގައިވާ ބިންގަރާހަށެވެ.
މިހިލަކޮޅުތައް ދަތުރުކުރާ ކޮންވޭޔާ ބެލްޓްތަކުން ވަރަށް ގިނަ ހިލަ އެއްކުރެއެވެ. އަދި އެ ތަކެތި ފުރާނައި ފެނުން ސްޕްރޭކޮށް ރީއްޗަށް ދޮވެ ތާހިރު ކުރުމަށްފަހު ވެހިކަލްތަކުގައި އެ ތަކެތި ގެންގޮސް ގުދަން ކުރާކަމަށްވެއެވެ. އެކަން އެގޮތަށް ކުރަނީ އަންނަ އަހަރެއްގެ ޙައްޖު މޫސުމުގައި ޙައްޖުވެރިން ބޭނުންކުރަން ރައްކާ ކުރާ ހިލައިގެ ގޮތުގައެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި 1.8 މިލިޔަން މީހުން ބައިވެރިވާއިރު ކޮންމެ ޙައްޖުވެރިއަކަށް 21 ހިލަކޮޅުގެ މަގުން ބަލާއިރު 37 މިލިޔަނަށް ވުރެ ގިނަ ހިލަކޮޅު ޖަމްރާތަކުން ނަގާނެކަމަށް ބެލެވެއެވެ.
އާންމު ގޮތެއްގައި ޖަމްރާތަކަށް އުކަންޖެހޭ ހިލަކޮޅުތައް ޙައްޖުވެރިން ހޮވަނީ އަރަފާތުން މިނާއަށް އަންނަ މަގުމަތީގައި މަޑުކުރާ މުޒްދަލިފާއިންނެވެ.
މުޒްދަލިފާގައި މަޑުކުރާ ވަގުތުގައި ޙައްޖުވެރިން ހިލަހޮވުމާގެން އުޅޭނެއެވެ. އަދި މުޒްދަލިފާގެ 300 ހިސާބަކުން ޖަމްރާތަކަށް އުކާފައި ހުންނަ ހިލަތައް ސާފުކުރުމަށްފަހު ބަހާކަމަށްވެއެވެ. މިނާގައި ހުންނަ ޖަމްރާތު ބްރިޖް ފެސިލިޓީންވެސް ހިލަ ކޮތަޅުތައް ބަހައެވެ.
މިނާގެ އަލްއަޤަބާ ސަރަޙައްދުގައި ހުންނަ ޖަމްރާތަކަށް ހިލައުކުމަށް އާންމު ގޮތެއްގައި ދަނީ ފައިމަގުގައެވެ. ދިގު ހިނގުމެއް ހިނގާފައިދާއިރު ގިނަ މީހުން ޖަމްރާތަކަށް ހިލައުކަން ދެއެވެ. އަދި ޖަމްރާތައް ކައިރީގައި ބައިބޯވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށާއި އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓަށް ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދެއެވެ.