ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަމުންދާ އަދަދަށް ބަލާއިރު، މިއަހަރު ރާއްޖެ އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވެވޭނެކަމަށެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިމަހުގެ ފަހުކޮޅު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށެވެ.
"އުއްމީދު ކުރަނީ މިމަހުގެ ކޮޅު 1 މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް، އެކަން ވަރަށް ބޮޑަށް ސެލިބްރޭޓުކުރާނަން ވަރަށް ގަދައަށް، އަހަރު ނިންމާލާނީ ޓޭގެޓުކުރި އަދަދު ހާސިލްކޮށް، 2 މިލިއަން ފަތުރުވެރިންނާއި އެކު، އުއްމީދު ބޮޑު 2.1 މިލިއަން ނޫނީ 2.2 މިލިއަން އަށް އަރައިވަލްސް ހިނގައިދާނެކަމަށް،" ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 932398 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 850794 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3650 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މި އަދަދަށް މިމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފަތުރުވެރިން ރާއްޖެއަށް އަންނަ ނަމަ، މިމަހުގެ 28 ނޫނީ 29 ހިސާބު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ.