ޚަބަރު

އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯންތަކުގެ ޢަދަދު %8 އިތުރުވެއްޖެ


  • މިއީ 2.4 ބިލިއަން ރުފިޔާގެ އިތުރުވުމެއް

  • އެންމެ ގިނައިން ލޯން ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯންތަކުގެ ޢަދަދު %8 އިތުރުވެފައިވާ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ދޫކޮށްފައިވާ ލޯންގެ ޢަދަދު އިތުރުވެފައިވީ ނަމަވެސް މި ޢަދަދަކީ މިިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު ދަށް ޢަދަދެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލޯން ދޫކޮށްފައިވާ ޢަދަދު %8 އިތުރުވެފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކޮށްފައިވާ ލޯންތަކުގެ އަދަދާއި އަޅާ ބަލާއިރު، 2.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އަމިއްލަ ވިޔަފާރިތަކަށް ލޯން ދޫކުރި ޢަދަދުވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު %9 ވަނީ ދަށްވެފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި އެންމެ ގިނަ ޢަދަދަކަށް ބޭންކުތަކުން ލޯން ދޫކޮށްފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތަށާއި، ޢިމާރަތްކުރުމުގެ ސިނާޢަތަށާއި، އަމިއްލަ ބޭނުންތަކަށެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯންތަކުގެ %36 ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކޮށްފައިވާ ލޯންތަކެވެ.

ޢިމާރަތްކުރުމުގެ ސިނާޢަތަށް ދޫކޮށްފައިވާ ލޯންތަކުގެ ޢަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވަނީ %7 އިތުރުވެފައެވެ. މިއީ މައިގަނޑުގޮތެއްގައި ގެދޮރު ޢިމާރަތްކުރުމަށް ދޫކޮށްފައިވާ ލޯންތަކުގެ ޢަދަދު އިތުރުވުމުންނެވެ.

ލޯން ދޫކޮށްފައިވާ ޢަދަދަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯންތަކަށެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ދޫކޮށްފައިވާ ލޯންތަކުގެ ޢަދަދުވަނީ %25 އިތުރުވެފައެވެ.

އެމްއެމްއޭއިން ނެރޭ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގ ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ސިނާޢަތްތަކަށް އަންނަމުންދާ ބަދަލުތަކާއި، އެ ކުއާޓަރެއްގައި އިޤްތިސާދީ ދާއިރާތަކުގެ ހަރަކާތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ހިމެނޭ ރިޕޯޓެކެވެ.

މި ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ހުރިހާ ސިނާއަތްތަަކަށް އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައިވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށްކަމަށް ރިޕޯޓުގައިވެއެވެ. އެ ކުއާޓަރުގައި ރާއްޖެއަށް 604004 ފަތުރުވެރިން އައިސްފައިވާއިރު، ބެޑްނައިޓުގެ ޢަދަދުވަނީ %9 އިތުރުވެފައެވެ.