ޚަބަރު

ޕޮލަންޑާ ދެކޮޅަށް ކުޅޭ މެޗުގެ މުހިންމުކަން ވަރަށް ބޮޑު: ރަންގްނިކް


"
ދެ ޓީމަށް ވެސް މޮޅުވެ، އަނެއް ބުރަށް ދިއުމުގެ ރަނގަޅު ފުރުޞަތެއް އެބައޮތް. އެއްވަރުވެއްޖެނަމަ އެއްވެސް ބަޔަކަށް ނެތް ފައިދާއެއް.
އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް

ޔޫރޯ 2024 ގެ ގްރޫޕް ޑީގައި މިރޭ ޕޮލެންޑްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ބުނީ، ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ މުހިއްމުކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

އެގޮތުން، ރަންގްނިކް ވަނީ، މި މެޗަކީ ނޮކްއައުޓް މެޗެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރަންގްނިކް އިތުރަށް ބުނީ، ރީތި ބަލާހިތްވާ ކަހަލަ މެޗެއް ފެނިގެންދާނެ ކަމަށެވެ. އަދި އޭނާ ވަނީ މެޗު ކުޅުމަށް ހަމަޖެހިފައިވާ ޕިޗުގެ ހާލަތުވެސް ރަނގަޅު ކަމަށް ފާހަގަކޮށްފައެވެ.

އޮސްޓްރިއާގެ މިޑްފީލްޑަރު، މާސެލް ސަބިޓްޒާ ބުނީ، އޭނާގެ ޓީމުން މެޗަށް ނިކުންނާނީ މޮޅުވުމަށް ކަމަށެވެ. އެއީ މި މެޗުން މޮޅުވެގެން ނޫން ގޮތަކަށް ދެވަނަ ބުރުން ޖާގަ ލިބުމުގެ ފުރުޞަތު ކުޑަވާނެތީ ކަމަށެވެ. އެހެންކަމުން، މި މެޗުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށް ސަބިޓްޒާ ބުންޏެވެ.

ސަބިޓްޒާ ބުނީ، އިދިކޮޅަށް ނިކުންނަ ޕޮލެންޑް ވަރަށް ރަނގަޅަށް އެނަލައިޒްކޮށްފައިވާ ކަމަށެވެ. އެގޮތުން، އޮސްޓްރިއާ އިން ކޮންފިޑެންސް އާއެކު ކުޅެފިނަމަ މި މެޗު ކާމިޔާބުކުރެވުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މުބާރާތުގައި ޕޮލެންޑްއާ ދެކޮޅަށް އޮސްޓްރިއާ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.