ޚަބަރު

އަންނަ ހޯމަ ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން އެނބުރި އަންނަން ފަށާނެ


  • 1149 ދިވެހިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރި

  • ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައި

  • ފުރަތަމަ ފްލައިޓް ޖޫން 24 ގައި، ފަހު ފްލައިޓް ޖުލައި 4 ގައި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު އަންނަ ހޯމަ ދުވަހު ރާއްޖެ އައުމަށް ފުރާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް 1150 ދިވެހި ޙައްޖުވެރިން މިއަހަރު ސަޢުދީއަށް ގޮސްފައިވެއެވެ. އެގޮތުން ދިވެހި ޙައްޖުވެރިންގެ ތެރޭގައި ސަރުކާރުގެ އެހީގައި ޙައްޖަށް ގެންދިޔަ، އަމިއްލައަށް ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުން ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ދިވެހިންވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަނބުރާ ރާއްޖެ އައުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ޙައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ 4 ފްލައިޓެއްގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖެ އައުމަށް ޙައްޖުވެރިން ފުރާ ދުވަސްތައް:

• މިމަހުގެ 24 ވަނަ ދުވަސް
• މިމަހުގެ 28 ވަނަ ދުވަސް
• އަންނަ މަހުގެ 1 ވަނަ ދުވަސް
• އަންނަ މަހުގެ 4 ވަނަ ދުވަސް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ޙައްޖުވެރީންގެ ތެރެއިން މިހާތަނަށް 1 ޙައްޖުވެރިޔަކު ނިޔާވެފައިވާ ކަމަށެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި 1 ޙައްޖުވެރިއަކަށް ފަރުވާ ދެމުންދާއިރު، ޢާންމު ގޮތެއްގައި ހުރިހާ ޙައްޖުވެރިންގެ ޙާލު ރަނގަޅުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އުމުރުން ދުވަސްވީ މީހުން ދިވެހި ޙައްޖުވެރިންގެ ތެރޭގައި ގިނަ ނަމަވެސް ޞިއްޙީ ގޮތުން މާ ބޮޑު މައްސަލަތަކެއް ކުރިމަތިނުވެ، ޙައްޖުވެރިން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާފައެވެ.

ޙައްޖުވެރިނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވުނުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޙައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތައް ގެންދެވުނުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޢަމީރުލްޙައްޖެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.