ޚަބަރު

މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކުރުމުގެ 21 މައްސަލައެއް


  • 6 ފަންކާ، 2 ފޯނު، 1 ފެން މޯޓަރު ވަނީ ހޯދައި ޙަވާލުކޮށްފައި

  • ރޭގެ ވަގުތެއްގައިވެސް ޢީދު މިސްކިތުން 10 ފަންކާއެއް ވަނީ ވަގަށް ނަގާފައި

މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކުރުމުގެ 21 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝިފާން މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝިފާން ވިދާޅުވީ، މާލޭގެ މިސްކިތްތަކުން އެންމެ އާންމުކޮށް ވަގަށް ނަގާތަކެތީގެ ތެރޭގައި ފަންކާއާއި ފެން މޯޓަރު އަދި ފޯނު ހިމެނޭ ކަމަށެވެ. އަދި މި މައްސަލަތަކުގައި ވައްކަންކޮށްފައިވާ ތަކެތީގެ ތެރެއިން 6 ފަންކާ، 2 ފޯނު، އަދި ފެން މޯޓަރެއް ހޯދައި، މިސްކިތްތަކާ މިހާރު ޙަވާލުކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.


މާލޭގައި ހުންނަ މިސްކިތްތަކުން ތަކެތި ވަގަށް ނަގާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން ރޭގެ ވަގުތެއްގައިވެސް ޢީދު މިސްކިތުން 10 ފަންކާއެއް ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މާލޭގެ މިސްކިތްތަކުން ވައްކަންކުރާ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، މިސްކިތްތަކުން ތަކެތި ވަގަށް ނަގާ މީހުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިޔާގައި ސިޓީ ކައުންސިލުން ޢާންމުކުރެއެވެ.