ޚަބަރު

ޗެކް ރިޕަބްލިކާއި ޖޯޖިއާ އެއްވަރުވެ، އަނެއް މެޗުގެ ނަތީޖާއަށް ބަލަން ޖެހިއްޖެ


ޗެކްރިޕަބްލިކާއި ޖޯޖިއާ އެއްވަރު ވެއްޖެެއެވެ. ދެޓީމް އެއްވަރުވީ 1-1 ނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ޖޯޖިއާއިން ކުރި ހޯދީ ޕެނަލްޓީ އަކުންނެވެ. ޖޯޖިއާއިން އުފެއްދި އެޓޭކެއްގެ ތެރެއިން ބޯޅަ އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރާއި، އޯޑިއޯ ޓެކްނޮލިޖީ ބެލުމަށްފަހު އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ފުރަތަމަ ގޯލަށް ފޮނުވާލީ ކެޕްޓަން ގުރަމް ކަޝިއާ އެވެ. އެބޯޅަ ކީޕަރު ދިފާއު ކުރުމުން ނިކުއިން ވަގުތު ޗެކްރިޕަބްލިކްގެ ރޮބިން އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ޖޯޖް މިކާތުޒޭ އެވެ. ކީޕަރު ގޯސް ފަޅިއަށް ޑައިވް ކުރުވުމަށްފަހު ފޮނުވާލީ މޮޅު ޕެނަލްޓީ އެކެވެ. މިއީ ދެ މެޗުން އޭނާ ޖެހި ދެވަނަ ލަނޑެވެ.

މި ލަނޑުގެ ކުރިން ޗެކްރިޕަބްލިކުން ލަނޑެއް ޖެހުމަށްފަހު އުފާފާޅުކުރި އެވެ. އެޑަމް ލޮޒެކް ޖެހި ގޯލަށްފަހު އުފާފާޅުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމށފައެވެ. އެއީ ކީޕަރު ދިފާއުކުރުމުން ނިކުއިން ބޯޅަ އެޑަމް ލޮޒެކް ފޮނުވާލިއިރު އޭނާ އަތުގައި ބޯޅަ ޖެހުމުންނެވެ.

މެޗުގައި ޗެކްރިޕަބްލިކުން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގައި ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުޞަތަކުންނެވެ. އޭރިޔާ ތެރެއަަށް ނަގައިދިން ކޯނަރު އޮންޑްރެ ލިންގް ބޮލުން ޖެހުމުން އަރިމަތީ ދަނޑީގައި ޖެހިފަ ނިކުއިން ވަގުތު ގޯލްއޭރިޔާ ތެރެއިން ބޯޅަ ގޯލަށް ވަނީ ޕެޓްރިކް ޝިކް މެއިން ޖައްސާލުމުންނެވެ. މެއިން ޖައްސާލުމަށްފަހު ބޯޅަ ފޮނުވާލަން ފައި ހޫރާލިއިރު ބޯޅަ ވަނީ ގޯލަށް ވަދެފައެވެ. ލަނދަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އަނިޔާގެ ސަބަބުން ޕެޓްރިކް ޝިކް ވަނީ ބަދަލުކޮށްފައެވެ

މެޗުގައި ގިނަ ފުރުޞަތު ހޯދާ ގިނަ އެޓޭކް ކުރީ ޗެކްރިޕަބްލިކުންނެވެ. މެޗު ފަށައިގެން ތިންވަނަ މިނިޓްގައި ޗެކްރިޕަބްލިކްގެ އެޑަމް ލޮޒެކް އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. އެބޯޅަ ދެވަނަ ފަހަރަށް ފޮނުވާލުމުންވެސް ކީޕަރު ދިފާއުކޮށް، މޮޅު ޑަބަލް ސޭވެއް ކުރިއެވެ.

ފުރަތަމަ ހާފްގައި އެކަނިވެސް ޗެކްރިޕަބްލިކުން ގޯލާ އަމާޒުކޮށް 7 ބޯޅައެއް ފޮނުވާލިއެވެ. ނަމަވެސް އެއިން ބޯޅައެއް ގޯލަށް ވައްދާ ނުލެވުނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. ޕެޓްރިކް ޝިކް ޕެނަލްޓީ އޭރުޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ 56 ވަނަ ވަނަ މިނިޓްގައި ޖޯޖިޔާއިން ކައުންޓަރގައި ކުރިއަށް އަރާ ރަނގަޅު ފުރުޞަތެއް ތަނަަވސް ކުރިއެވެ. ނަމަވެސް މެކްވަބިޝްވިލީ ފޮނުވާލި ބޯޅަ އަރިމަތި ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ޗެކްރިޕަބްލިކަށް ލިބުނު ކޯނަރު އޭރިޔާ ތެރެއިން ލަޑިސްލާވް ކްރެކީ ބޮލުން ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފްގައި ޗެކްރިޕަބްލިކުން އެންމެ ރަނގަޅު ބޯޅައެއް ފޮނުވާލީ ޗީޓިލް އެވެ. އޭނާ އަރިމަތިން ފޮނުވާލި ބާރު ބޯޅަ ދިޔައީ އަރިމަތި ދަނޑިކައިރިން ބޭރަށެވެ. އެކަމަކު މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުޞަތެއް އެންމެ ރަނގަޅު ވަގުތު ލިބުނީ ޖޯޖިޔާއަށެވެ. މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތު އޭރިޔާ ތެރެއިން ސަބާ ލޮބްޖަނިޑްޒޭ މުޅިން ހުހަށް ހުރެ ބޯޅަ ފޮނުވާލެވުނީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެބޯޅައާއެކު މެޗުވެސް ރެފްރީ ނިންމާލި އެވެ.

ސެޓްޕީސް ތަކާއި ދިގު ބޯޅަ ތަކުގައި ޗެކްރިޕަބްލިކް ފެނުނީ ނުރައްކާ ކޮށެވެ. އަދި ކައުންޓަރ އެޓޭކްގައި ޖޯޖިޔާ އިން ނުރައްކާ ކުރިއެވެ. މިނަތީޖާގެ ސަބަބުން ދެ މެޗުން ދެޓީމަށްވެސް ލިބެނީ އެއް ޕޮއިންޓެވެ. މިގްރޫޕްގައި ދެން ހިމެނޭ ޕޯޗްގަލްއާއި ތުރުކީ އޮތީ ތިން ޕޮއިންޓްގައެވެ. މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ވަދަކުރާނީ މިދެޓީމެވެ.