ޚަބަރު

ޕޯޗްގަލް ދެވަނަ ބުރަށް، ސަމާލުކަން ރޮނާލްޑޯގެ އަމިއްލަ އެދުމެއް ނެތް "އެސިސްޓް" އަށް


ފަސޭހައިން ތުރުކީ ބަލިކޮށް، ޕޯޗްގަލް ގަދަ 16 އަށް ދަތުރުކުރި މެޗުގެ ސަމާލުކަން ރޮނަލްޑޯގެ އަމިއްލަ އެދުމެއް ނެތް 'އެސިސްޓް' އަށް ހުއްޓިއްޖެ އެވެ.

ޕޯޗްގަލް ނޮކުއައުޓް ބުރުގެ ޖާގަ ކަށަވަރުކުރީ 3-0 ން ތުރުކީ ބަލިކޮށްގެންނެވެ. މެޗުގައި ޕޯޗްގަލް އިން ލީޑް ނެގީ 21 ވަނަ މިނިޓްގައި ބާނާޑޯ ސިލްވާ ކާމިޔާބުކުރި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ސިލްވާ ފޮނުވާލި ބޯޅަ އަށް ކީޕަރު ރަނގަޅު ފަޅިއަށް ޑައިވް ކުރި ނަމަވެސް ބޯޅައިގެ ސްޕީޑް ބާރުވުމުން ކީޕަރަށް އެބޯޅަ މަތައެއް ނުކުރެވުނެވެ.

ޕޯޗްގަލްގެ ދެވަނަ ލަނޑަކީ ވަރަށް ފަސޭހައިން ކުޅެވެން އޮތް ބޯޅައެއްގައި ތުރުކީ ޑިފެންޑަރު ސަމެތް އަކެއިދިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 28 ވަނަ މިނިޓްގައި ބައިކޮޅަށް ލަނޑު ވަނީ ކަންސޭލޯ ރޮނަލްޑޯއަށް ދޭން ކުރިއަށް ޖައްސާލި ބޯޅަ ސަމެތް އަކެއިދިން ފަހަތަށް ކީޕަރަށް ޖައްސާލުމުން ނެވެ. އެބޯޅަ ފަހަތަށް ކުޅުނުއިރު ޕޯޗްގަލްގެ އެއްވެސް ކުޅުންތެރިއަކު ނެތެވެ.

މުޅި މެޗުގެ ސަމާލުކަން އެންމެ ބޮޑުވީ ދެވަނަ ހާފްގައި، މެޗުގެ 56 ވަނަ މިނިޓްގައި ބުރޫނޯ ފެނާންޑޭޒް ޖެހި ޕޯޗްގަލްގެ ތިންވަނަ ލަނޑަށެވެ. އެލަނޑު ޖަހަން ކެޕްޓަން ރޮނަލްޑޯ ފުރުޞަތު ތަނަވަސްކޮށްދިނުން ފުޓްބޯޅައިގެ ތަޖުރިބާކާރު ސިފަކޮށްފައި ވަނީ 'އަމިއްލަ އެދުމެއް ނެތް އެސިސްޓެއް' ގެ ގޮތުގައެވެ. ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ އެބޯޅަ ރޮނަލްޑޯ ޕާސްކުރާނެ ކަމުގެ %0.1 ވެސް ނެތް ކަމަށެވެ. އެކަމަކު ރޮނަލްޑޯ އަކީ އަމިއްލަ އެދުމެއް ނެތް ޓީމް ކުޅުންތެރިއެއްކަން އެ އެސިސްޓުން ހާމަވާކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ކީޕަރަށްވެސް ފުރުޞަތު ނުލިބޭނެހެން ރޮނަލްޑޯ ބުރޫނޯ ފެނާޑޭޒް އަށް ބޯޅަ ދިނުމަށްފަހު ކޯނަރު ނަގާ ދަނޑިއާ ދިމާއަށް ދުވީ އެބޯޅަ ގޯލަށް ޖަހާނެކަން ޔަގީންކޮށްގެންނެވެ. މުޅި ޓީމް ގޮވައިގެން ރޮނަލްޑޯ ވަނީ އެލަނޑަށްފަހު އުފާފާޅުކޮށްފައެވެ. މިއެސިސްޓާއެކު ރޮނަލްޑޯ ވެފައިވަނީ ޔޫރޯގައި އެންމެ ގިނަ އެސިސްޓްކުރި ކުޅުންތެރިޔާ އަށެވެ. މިއީ ޔޫރޯގައި ރޮނަލްޑޯގެ 8 ވަނަ އެސިސްޓެވެ. އެންމެ ގިނަ ލަނޑު ޔޫރޯގައި ޖެހީވެސް ރޮނަލްޑޯ އެވެ. އެއީ 14 ލަނޑެވެ.

މެޗުގައި އެންމެ ފުރަތަމަ އެޓޭކް ކުރީވެސް ރޮނަލްޑޯ އެވެ. ފުރަތަމަ މިނިޓްގައި އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ރޮނަލްޑޯ އެއްފަހަރުން ފޮނުވާލުމުން ބާރެއް ނެތް ބޯޅަ ކީޕަރު އަތަށް ނެގިއެވެ. ހަ ވަނަ މިނިޓްގައި ތުރުކީންވެސް ފުރުޞަތެއް ހޯދިއެވެ. ގޯލް އޭރިޔާ ތެރެއިން ކެރަމް އަކްތޮކްގޮލޫ ފައިން ޖައްސާލިބޯޅަ ގޯލް އޭރިޔާ ތެރޭން ދިފާއުކުރީ ޑިފެންޑަރ ރުބެން ޑިއާޒް އެވެ.

ފުރަތަމަ ހާފްގެ ފަހު ފަނަރަ މިނިޓްގައި ދެ ޑިފެންޑަރުން ކައިރިން ތުރުކީގެ ކެރަމް އަކްތޮކްގޮލޫ ފޮނުވާލި ބޯޅަ ޕޯޗްގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި 52 ވަނަ މިނިޓްގައި އޭރިޔާ ބޭރުން ޔޫސުފް ފޮނުވާލި ބޯޅަވެސް ކީޕަރު ދިފާއުކުރިއެވެ.

ފުރަތަމަ ހާފްގެ ފަހު ފަސް މިނިޓްގެ ތެރޭގައި ޑީއޭރިޔާއާ ހިސާބުން ޕޯޗްގަލްގެ ބެންފީކާއަށް ކުޅޭ ތުރުކީގެ އޯކުން ކޮކުޗް ފޮނުވާލި ބޯޅަވެސް ދިފާއުކުރީ ޕޯޗްގަލް ކީޕަރެވެ. ދެވަނަ ހާފްގެ ފަހުކޮޅު ޕެނަލްޓީ އޭރިޔާ ބޭރުން ރޮނަލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ އެހެން އުސްއަލިތަކަށް ބަލާއިރު ޕޯޗްގަލްގެ ރަފެއަލް ލެއޯ އަށް ދެއްކި ރީނދޫކާޑްުގައި އޭނާއަށް ނުކުޅެވޭނެއެވެ. މެޗުގައި ޕޯޗްގަލްގެ ޑިފެންޑަރު ޕެޕޭގެ ފަރާތުން ފެނުނު އިތުބާރު ކުޅުންވެސް މެޗު އެނަލިސްޓުން ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ. މުބާރާތުގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ 41 އަހަރުގައި ދެއްކި ކުޅުމަށް ތައުރީފް ކުރިއެވެ.

މިގްރޫޕުން ޕޯޗްގަލް ހަ ޕޮއިންޓާއެކު ދެވަނަ ބުރު ޔަގީން ކުރިއިރު ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ތުރުކީ އެވެ. ޗެކްރިޕަބްލިކާއި ޖޯޖިއާ އޮތީ ޕޮއިންޓަކާ އެކުއެވެ.