ޚަބަރު

މަޖިލިސް މެންބަރުންގެ އަދަދު އިތުރުނުވާގޮތަށް ގެންނަ އިސްލާހަށް ތާޢީދުކުރަން: މެންބަރު މަޢުރޫފް


  • މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ސަރުކާރުގެ ސިޔާސަތަށް ތާޢީދުކުރަން

  • މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ރަސްމީކޮށް ތާޢީދުކުރަން އެމްޑީޕީން ގޮތެއް ނިންމާފައިނުވޭ

  • ޤާނޫނުގައި އޮންނަނީ އާބާދީއަށް އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިތުރުވާގޮތަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަދުކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ތާޢީދުކުރާކަން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު މަދުކުރުމަށް ބޭނުންވާ އިސްލާހު ގެނައުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވަނީ ހިމަނުއްވާފައެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫޢަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވިދާޅުވީ މިސަރުކާރުގެ ލެޖެސްލޭޓިވް އެޖެންޑާގައި ވަރަށް ބައިވަރު ބިލެއް ހުށައެޅުމަށާއި ޤާނޫނުތައް އިސްލާހުކުރަން ހިމަނާފައިވާ ކަމަށެވެ. އަދި މި އިސްލާހުތަކާއި އައު ޤާނޫނުތައް ސަރުކާރުން ހުށައަޅަން ބޭނުންވާ ސަބަބު ދެނެގަތުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މިހާރު ދިރާސާތަކެއް ކުރަމުންދާކަމަށް މަޢުރޫފް ވިދާޅުވިއެވެ.

މަޢުރޫފް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވާފައިވާކަމަށާއި އެކަމަށް އޭނާ އަމިއްލަގޮތުން ތާޢީދުކުރާ ކަމަށެވެ. އެހެންނަމަވެސް މިކަމަށް ރަސްމީ ގޮތުން ތާޢީދުކުރުމާމެދު ސީދާ އެމްޑީޕީން ގޮތެއް ނިންމާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ތާޢީދުކުރަން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެގެންދާ ގޮތް ހުއްޓުވުމަށް. ކޮންމެވެސް އިސްލާހެއް ޤާނޫނަށް ގެނެސްގެން ނަމަވެސް މަޖިލިސް މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް ހެދުމަށް" މަޢުރޫފް ޛާކިރު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާރިރާއަކަށް މެންބަރަކު ތިބެންޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000 މީހުންނަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިތުރުވާނެއެވެ. މިގޮތަށް ޤާނޫނުއަސާސީ އޮތުމުން 5000އިން އާބާދީ އިތުރުވާނަމަ، މަޖިލީހުގެ މެންބަރުންގެ އަދަދު ދާނީ އިތުރުވަމުންނެވެ.

އެގޮތުން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ހިމެނެއެވެ. ނަމަވެސް އާބާދީއަށް ބަދަލުތަކާއެކު ހިނގަމުންމިދާ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ.