އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުނެފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބައެއް ދޯނި ފަހަރުތަކުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގެ ތެރެއިން އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީފައިވާކަމަށެވެ. އަދި އިހްތިޖާޖުގެ ބައިވެރިން މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ އެކަން ޙައްލު ކުރުމަށް ކަމާއިގުޅޭ ފަރާތްތައް ގުޅިގެން މިފްކޯއިން މަސައްކަތްކުރަމުންދާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.
މިފްކޯއިން ބުނީ ގާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަކަމަށާއި ނަމަވެސް އެ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުތައް ފަދަ، ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް އިހްތިޖާޖުގެ ބައިވެރިން ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފައިވާކަމަށެވެ. އެގޮތުން މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ހުރަސް އެޅިފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެންކަމަށް ބުނެ ބަޔަކު އިހްތިޖާޖުކުރަމުންދާއިރު މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާކަމަށާއޮ އެއީ 52.6 މިލިއަން ރުފިޔާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ އެކުންފުންޏަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައިކަމަށާއި، ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެންނެވެ. އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއި އެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ އެކުންފުނިން ހިތާމަކުރާ ކަމެއްކަމަށްވެސް މިފްކޯއިން ބުނެއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށް މިފްކޯއިން ބުނެއެވެ. އަދި ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.