ޚަބަރު

މަސައްކަތުގެ މާހައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި އެކަށޭނަ ތަނަކަށް ހަދަންޖެހޭ: ޑރ. ނަޒީރު


  • އަވީގައި މަސައްކަތްކުރާ ފަރާތްތަކަށް ޞިއްޙީ ގޮތުން ނުރައްކާވޭ

  • ގެއްލުމުން ސަލާމަތްވާނެ ގޮތް މަސައްކަތްތެރިންނަށް އެނގެންޖެހޭ

  • މަސައްކަތު މާޙައުލުގެ ނުރައްކާތަކަށް ހޭލުންތެރިކުރުވުމަށް ފޯރަމެއް ވަނީ ބާއްވާފައި

ޞިއްޙީ ގޮތުން ރައްކާތެރި އެކަށޭނަ ތަނަކަށް މަސައްކަތުގެ މާޙައުލު ހަދަންޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން އިސްނަގައިގެން ކުރިއަށްގެންދާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނު މިން އިޙްސާސްވާ މިންވަރު އިތުރުވާ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަކީ އެވްރެޖް ހޫނު މިނަކަށް ހޭނިފައިވާ ބަޔަކަށްވާއިރު، ހޫނު ގަދަވެ އަވީގައި މަސައްކަތްކުރާ ފަރާތްތަކަށް ޞިއްޙީ ގޮތުން ނުރައްކާވާކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް ހޭލުންތެރިވެފައިވާ ބަޔަކަށް މަސައްކަތްތެރިން ހަދަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް ކަށަވަރުކުރުމަށް ވަޒީފާދޭ ހުރިހާ ފަރާތްތަކުންވެސް ވަޒީފާ ދޭ މާޙައުލަކީ އެންމެ އެކަށޭނަ ޞިއްޙީ ގޮތުން ރައްކާތެރި ގޮތަކަށް ހުންނަ ހިތްހަމަޖެހޭ ފަދަ މާޙައުލަކަށް ހެދުން" ޑރ. ނަޒީރު ވިދާޅުވިއެވެ.

ޑރ. ނަޒީރު ވިދާޅުވީ މަސައްކަތު މާޙައުލަކީ ރައްކާތެރި އެކަށޭނަ މާޙައުލަކަށް ހެދުމަށް ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ހާދިސާއަކުން ނުވަތަ ޤުދުރަތީ ކާރިސާއެއް ދިމާވާ ވަގުތުގައި ޢަމަލުކުރާނެ އިމަޖެންސީ ޕްރޮސީޖަރއެއް ނުވަތަ ޕްލޭނެއް ހަދާފައި އޮތުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއައިއެކު ވަޒީފާދޭ ކޮންމެ ތަނެއްގައިވެސް ހެލްތު ސޭފްޓީ ރެގިއުލޭޝަންސް ހެދިފައިހުންނަންޖެހޭނެކަން ޖެހޭކަމަށާއި ހެލްތު ސޭފްޓީ ރެގިއުލޭޝަންސް ހެދުން ލާޒިމްކުރުމަށް ޤާނޫނު ބަދަލުކުރުމުގެ މަސައްކަތް މަތީ ތަޢުލީމާބެހޭ ވުޒާރާއިން މިހާރު ކުރައްވަމުންދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. ނަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފޯރަމް އިންތިޒާމްކުރާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުން އެއަރޕޯޓުގެ ޓާމިނަލްތަކުގައި މަސައްކަތްކުރަނީ ހޫނުގައި ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލަކުން ހޫނު ގަދަވާނަމަ، އޭގެ އަސަރު މުވައްޒަފުންނަށްކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވަންޖެހޭ ކަމަށާއި މި ފެށި ފޯރަމަކީވެސް އެގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޓާމިނަލްގައި މަސައްކަތްކުރާ މުވައްޒަފުން އެތަނުގައި އެބަ މަސައްކަތްކުރޭ ހޫނު މިން 35، 38، ނުވަތަ 40 އަށް އަރައިގެންދާއިރު. އެހެންވީމަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ މުވައްޒަފުންނަށް އަސަރުކުރޭ. އަދި މުވައްޒަފުންގެ ސަލާމަތާއި ޞިއްޙަތަކީ ވަޒީފާދޭ މީހުން ސިކުނޑީގެ އެންމެ ކުރީގައި އޮންނަން ޖެހޭ ކަންތައް." ޝަރީފް ވިދާޅުވިއެވެ.

މިފަހަރުގެ ފޯރަމްގެ ތީމެއްގެ ގޮތުން ކަނޑައަޅާފައިވަނީ "ކްލައިމެޓް ޗޭންޖް އެންޑް ސޭފްޓީ އެންޑް ހެލްތު އެޓް ވަރކް"އެވެ. މި ތީމް ބިނާވެފައިވަނީ މޫސުމީ ބަދަލުތަކުން ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމާއި ޞިއްޙީ ގޮތުން ރައްކާތެރިވުމުގެ މައްޗަށެވެ.

މި ފޯރަމްގެ ތީމާ އެއްގޮތަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތު މާޙައުލަށްކުރާ އަސަރުތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި އެކަންކަމުން ރައްކާތެރިވެވޭނެ ގޮތްތައްވެސް ފޯރަމްގައި ކިޔައިދީފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ފޯރަމްގައި މަޢުލޫމާތު ދިނުމަށް ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ފޯރަމް އެމްއޭސީއެލްއިން އިސްނަގައިގެން ބޭއްވި ނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއާއި މަތީ ތަޢުލީމާބެހޭ ވުޒާރާއިން ފޯރަމްގައި ބައިވެރިވެއެވެ.

އެމްއޭސީއެލް އިން އިސްނަގައިގެން މި ފޯރަމް މީގެ ކުރިންވެސް ބާއްވާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު މިފަދަ ފޯރަމެއް ވަނީ ބާއްވާފައެވެ.