ޚަބަރު

އިޓަލީގެ ވިސްނުން ބަދަލުކުރަންޖެހޭ: ސްޕަލެއްޓީ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި މިރޭ ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން، އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ވަނީ، އޭނާގެ ޓީމުގެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ވަރުގަދަ އަށް ޑިފެންސްކޮށް، ކްރޮއޭޝިއާ އަށް ނުރައްކާކުރެވޭނެ ފަދަ ފުރުޞަތުތައް ތަނަވަސްކުރުން ހުއްޓުވުން ނުވަތަ މަދުކުރުމަށް ކަމަށް ބުނެފައެވެ.

ސްޕަލެއްޓީ ބުނީ، އެކަން އެގޮތަށް ކުރަން އުނދަގޫވާނެކަމަށް ގަބޫލުކުރާ ކަމަށާއި، އެއީ އެމީހުންނަށް ނުރައްކާ ކުރެވޭނެ ގިނަ ގޮތްތައް ހުރުމާއެކު އެ ޓީމު ހުއްޓުވުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވާތީ ކަމަށެވެ.

ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބޭނުންވި ގޭމް ޕްލޭންއާ އެއްގޮތަށް ކުޅުންތެރިންނަށް ނުކުޅެވުމުން އެކަމާ ބެހޭގޮތުން ސްޕަލެއްޓީ ބުނީ، ދެ މެޗަށް ވެސް ނިކުތީ އެއް ގޭމްޕްލޭންއަކާ ނަމަވެސް، ބޭނުންވި ގޮތަށް ކަންތައް ކުރެވުނީ އެންމެ މެޗެއްގައި ކަމަށެވެ.

ސްޕަލެއްޓީ ބުނީ، މި ފަހަރުގެ މުބާރާތަށް އިޓަލީން ގެނައި ކުޅުންތެރިންނަކީ ވެސް އެކަމަށް ކެތްމަދުވެ، މުހިއްމު މެޗުތަކުގައި ތަފާތު ދައްކައި ވާދަކުރަން ތައްޔާރަށްތިބި ކަމަށް އޭނާ ގަބޫލުކުރާ ކުޅުންތެރިން ކަމަށެވެ. އެހެންނަމަވެސް، ސްޕެއިނާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށާއި، އެ މެޗުން ދަސްވިކަންކަން ރަނގަޅުކޮށް ކުރިއަށް އޮތް މެޗުން ނަތީޖާ ރަނގަޅު ކުރާނެ ކަމަށް އުއްމީދުކުރާކަމަށް ވެސް ސްޕަލެއްޓީ ބުންޏެވެ.

ކްރޮއޭޝިއާ އާ ދެކޮޅަށް ނިކުންނަ މެޗުގެ މުހިއްމުކަމާ ގުޅޭގޮތުން އިޓަލީގެ ޑިފެންޑަރު، އަލެސަންދްރޯ ބަސްޓޯނީ ބުނީ، ބިރަކީ ފުޓްބޯޅައިގެ ވާހަކަ ދައްކާއިރު ބޭނުންކުރަން ކަމުނުދާ ބަހެއް ކަމަށެވެ. އެގޮތުން، އެ ބަސް ބޭނުންކުރަން ރަނގަޅުވާނީ ފުޓްބޯޅަ ނޫން މުހިއްމު އެހެން ކަންކަމުގައި ކަމަށް ބަސްޓޯނީ ބުންޏެވެ.

ބަސްޓޯނީ ވަނީ، ކްރޮއޭޝިއާ އިން ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުން އެމީހުން ބަލިވިނަމަވެސް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާ ކަމަށާއި، އެ ޓީމަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށް ބުނެފައެވެ. އަދި ކްރޮއޭޝިއާ ޓީމަކީ ތަޖުރިބާ ބޮޑު ޓީމެއްގެ ގޮތުގައި ފާހަގަކޮށް ބަސްޓޯނީ ބުނީ، އެ ޓީމުގައި 80 އަށްވުރެ ގިނަ މެޗު އެއްކޮށް ކުޅެފައިވާ ކުޅުންތެރިންވެސް ތިބި ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިޓަލީއާ ކްރޮއޭޝިއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.