ކުޅިވަރު

ސްލޮވީނިއާ ކުރިއަށްދާނީ އިނގިރޭސިން ބަލިކޮށްފައި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލޭންޑާއި ސްލޮވީނިއާ ވާދަކުރާ މެޗަކީ ހުރިހާ ގޮތަކުން ވެސް ދުނިޔޭގެ މީޑިއާއިން ސަމާލުކަންދޭނެ މެޗެކެވެ. ފޯރިގަދަވާނެ މެޗެކެވެ. އިނގިރޭސިންގެ އަތުގައި ހަތަރު ޕޮއިންޓް އޮތް ނަމަވެސް މިހާރު އުފެދިފައިވާ ސުވާލަކީ އެމީހުން ގްރޫޕް ނިންމާލާނީ ކިހާ ހިސާބެއްގައި އޮވެގެންކަންކަމެވެ. މި މެޗުން އިނގިރޭސިން ބަލިވެއްޖެނަމަ އެމީހުންނަށް ޔޫރޯގައި ކުރިއަށްދާން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާނެ އެވެ. އެންމެ ބޮޑު ސަބަބަކީ މުބާރާތުގެ ދެ ވަނަ ބުރުން ފެށިގެން ގަދަ ޓީމުތަކާ ވާދަކުރަން ޖެހުމެވެ. ގްރޫޕްގެ އެއްވަނަ ލިބޭ ޓީމަކަށް ވާދަކުރަންޖެހޭނީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ޓީމަކަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އިނގިރޭސިން ޓީމަކީ މި މުބާރާތުގެ ތަށި އުފުލާލެވޭނެހޭ ފެންވަރު ހުރި ޓީމެއްނޫނެވެ. މިކަން ސާބިތުވީ އިނގިރޭސިން މިހާތަނަށް ކުޅުނު ދެ މެޗުންނެވެ. ފުރަތަމަ މެޗުގައި ޖޫޑް ބެލިންހަމް ބޮލުން މޮޅު ގޯލެއް ޖެހި ނަމަވެސް މުޅި ޓީމުގެ ފަރާތުން ފެނިގެންދިޔައީ ފޫހި ކުޅުމެކެވެ. ދެ ވަނަ މެޗުގައި އިނގިރޭސިން ފެނުނީ މިއަށްވުރެ ފީކަޅާ ކުޅުމެއް ދައްކަނިކޮށެވެ.

އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ޑިޕާޓްމަންޓަކީ މެދުތެރެ އެވެ. ހާއްސަކޮށް ލިވަޕޫލްގެ ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް މެދުތެރެ އަށް ލައިގެން ކުޅޭތީވެ އޭނާގެ ބޭނުން ނުހިފޭ ވާހަކަ ވަނީ ވަރަށް ގަދަވެފަ އެވެ. މިހެންވެ ކޯޗު ގެރެތް ސައުތުގޭޓް މިރޭގެ މެޗަށް ނެރޭނީ ޗެލްސީގެ މިޑްފީލްޑަރު ކޯނާ ގަލެގާ އެވެ. އެކަމަކު އޭނާ އަކީ ވެސް ބޮޑު މުބާރާތެއްގައި މެދުތެރެ ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ތަޖުރިބާމަދު ކުޅުންތެރިއެކެވެ. ނަމަވެސް މި ބަދަލު ބޮޑަށް ވައްތަރީ ސައުތު ގޭޓްގެ އަމިއްލަ ނިންމުމަކަށްވުރެ ބޮޑަށް މީޑިޔާއިން ފާޑުކިޔައި ގަދަ ކަމުން ގެންނަ ބަދަލަކާ އެވެ. ސަބަބަކީ އިނގިރޭސިން އެންމެ ފަހުން ކުޅުނު މެޗުގެ ފަހު ހާފުގެ ފަސް މިނިޓް ފަހުން އާނޮލްޑް ބާލައި ގަލެގާ ކުޅެން އަރުވާފައިވާތީ އެވެ. ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ކޯޗަކު އިންޓަވަލް ވަގުތުގައި މުހިންމު ނިންމުމެއް ނިންމާނަމަ ނުވަތަ ފުރަތަމަ ހާފުގައި ވަކި ގޮތެއް ކަނޑައަޅައިފިނަމަ ފަހު ހާފު ފެށުމުގެ ކުރިން އެ ބަދަލެއް ތަންފީޒު ކުރާނެ އެވެ. ނަމަވެސް އާނޮލްޑް ކުޅެނެ ނެރުނީ ފަހު ހާފުގެ ފަސް މިނިޓް ކުޅުވާފައި ކަމުން ދޭހަވަނީ އޭނާ ބަދަލު ކުރުމާއި ނުކުރުމުގެ ވިސްމެއްގެ މެދުން ސައުތުގޭޓް ހަދާނެގޮތް ހުސްވެފައި ހުރިކަމެވެ.

ފާޑުކިއުންތަކަށް ހައްލު ހޯދުމުގެ ގޮތުން ފުރަތަމަ އެގާރައިން ނުފެނުނަސް މިރޭގެ މެޗުގައި ސައުތު ގޭޓް ހުސްވި ސީޒަނުގައި މޮޅަށް ކުޅުނު ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭނެ އެވެ. މި ގޮތުން ޗެލްސީގައި ގިނަ ގޯލުތަކެއް ޖެހި ކޯލް ޕަލްމާ އާއި ނިއުކާސަލްގެ އަރިމަތިން މޮޅަށް ކުޅުނު އެންތަނީ ގޯޑަން އަކީ މެޗުގެ ކޮންމެވެސް ހިސާބަކުން ކުޅޭނެ ކުޅުންތެރިންނެވެ. ސަބަބަކީ ކޯޗު ސައުތު ގޭޓް ޓީމު ނަގާ ގޮތާމެދު އިނގިރޭސި މީޑިޔާތަކާއި ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރުން އިންތިހާ އަށް ފާޑުކިޔަމުންދާތީ އެވެ.

ކޯޗާއި ޓީމަށް އަމާޒުވާ ފާޑުކިއުންތަކާ ހުރެ ޕްރިންސް ވިލިއަމް ވަނީ ޑެންމާކް މެޗަށް ފަހު ޓީމާ ބައްދަލުކޮށްފަ އެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން ވެސް ކުރަމުން އަންނަ ވިލިއަމް ޗޭންޖިން ރޫމަށް ގޮސް ވިދާޅުވީ ކޮންމެ މެޗަކުން މޮޅުނުވެވޭނެ ކަމަށާއި މޮޅު ނުވުމަކީ އެ ބަޔަކަށް ދުނިޔެ ނިމުން ނޫން ކަމަށެވެ. ވިލިއަމް އަކީ އަބަދުވެސް ބޮޑެތި މުބާރާތްތަކުގައި ޓީމާ ބައްދަލުކޮށް ހިތްވަރުދެއްވާ ބޭފުޅެކެވެ. އޭނާގެ މި ފަހަރުގެ ހިތްވަރާއި ނަސޭހަތުން ގައުމީ ޓީމަށް ކުރާނީ ކިހާ ފައިދާއެއްކަން އެނގޭނީ މިރޭ މެޗުންނެވެ. ސަބަބަކީ ކަމެއް ނުވަތަ އެއްޗެއް ގޯސްވެފައި އޮއްވާ މީހަކު ދައްކާ ވާހަކައަކުން، ދޭ ހިތްވަރަކުން ބަދަލެއް ގެނެވޭނީ ވެސް ވަކިވަރަކަށް ކަމަށްވާތީ އެވެ.


އަނެއްކޮޅުން މިރޭގެ މެޗަކީ ސްލޮވީނިއާ އަށް ވަރަށް މުހިންމު މެޗެކެވެ. އެމީހުން ޔޫރޯގައި މިހާތަނަށް ދެއްކި ދެ މެޗުގައި ކުރި ހިތްވަރަކީ އިނގިރޭސިން ގްރޯލީ ކަމިން ހޯމް ކިޔަކިޔަ ތިއްބައި ގޮސް ދެ ވަނަ ބުރު ޔަގީންކުރެވޭ ފަންވަރު ހުރި ކުޅުމެކެވެ. ކޯޗު މެޖާޒް ކެކް އޭނާގެ ކުޅުންތެރިންގެ ގާތުގައި ބުނެފައިވަނީ ފާއިތުވެދިޔަ ދެ މެޗު ހަނދާން ނައްތާލުމަށެވެ. އިނގިރޭސިން ބަލިކޮށްގެން އިތުރު ހުރަހެއްނެތި މުބާރާތުގެ ދެވަނަ ބުރު ޔަގީންކުރެވެން އޮތުމުން އެކަމަށް ފޯކަސް ކުރުމަށެވެ. އަނެއްކޮޅުން މިރޭގެ މެޗަށް ސްލޮވީނިއާ ނުކުންނަނީ ފޯވަޑް ބެންޖަމިން ސެސްކޯ ވެސް ގޮވައިގެންނެވެ. ސާބިއާ މެޗުގެ ފުރަތަމަ 11އިން ނުފެނުނަސް އޭނާ މިހާރު ހުރީ މި މެޗުގައި ކުޅެވޭ ވަރަށް ފިޓްކޮށެވެ.