ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލާ ގްރޫޕްގެ އެއްވަނަ އޮސްޓްރިއާ އިން ހޯދައިފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެއްވަނަ އޮސްޓްރިއާ ހޯދީ ފަހު މެޗުގައި 3-2 ން ނެދަލެންޑްސް ބަލިކޮށްގެންނެވެ. ވާދަވެރި މެޗަށް ނިކުއިންއިރު މިގްރޫޕުން ފްރާންސާއި ނެދަލެންޑްސް އަށް ގަދަ 16 ޔަގީން ވެފައި އޮތަސް، އޮސްޓްރިއާ އަށް ޖާގަ ޔަގީނެއް ނުވެއެވެ. އޮސްޓްރިއާ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ގަދަ 16 ޔަގީން ކުރުމާއެކު، މިގްރޫޕުން ތިން ޓީމަށް ޖާގަ ޔަގީންވީއެވެ. ދެވަނަ ޓީމްގެ ގޮތުގައި ފްރާންސް އަދި ނެދަލެންޑްސް އަށް ގަދަ 16 އިން ޖާގަ ލިބެނީ ތިންވަނަ ޓީމްގެ ގޮތުގައެވެ.
ނެދަލެންޑްސްއާ ދެކޮޅަށް ނިކުމެ ހަ ވަނަ މިނިޓްގައި އޮސްޓްރިއާ އަށް ލީޑް ލިބުނެވެ. އެއީ ޑޮންޔެލް މާލެން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ ޔޫރޯގެ ތާރީޚުގައިވެސް އެންމެ އަވަހަށް ބައިކޮޅަށް ވަން ލަނޑެވެ. އަދި ނެދަލެންޑްސް ކޮޅަށް ޔޫރޯގައި ވަން ފުރަތަމަ ބައި ގޯލެވެ.
ފުރަތަމަ ހާފް މިނަތީޖާއިން ނިމުނަސް ދެވަނަ ހާފް ނެދަލެންޑްސް އިން ފެށީ އުއްމީދު ހޯދަމުންނެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނަސް، އޮސްޓްރީއާއިން ވަނީ 59 ވަނަ މިނިޓްގައި ދެވަނަ ފަހަރަށް ވެސް ލީޑް ނަގާފައެވެ. ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ރޮމާނޯ ޝްމިޑް އެވެ.
ނެދަލެންޑްސް އިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ 75 ވަނަ މިނިޓްގައި ޑިޕާއީ ޖެހި ލަނޑުންނެވެ. އެކަމަކު ހިތްވަރާއެކު މޮޅަށް ކުޅުނު އޮސްޓްރިއާއިން ވަނީ 80 ވަނަ މިނިޓްގައި ޖެހި ލަނޑާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. މޮޅުކޮށްދިން ލަނޑު ޖެހީ މާސެލް ސަބިޓްޒާ އެވެ.
އޮސްޓްރޭލިޔާގެ މިމޮޅާއެކު ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދީ 5 ޕޮއިންޓާއެކު ފްރާންސެވެ. ނެދަލެންޑްސް އަށް ލިބުނީ 4 ޕޮއިންޓާއެކު ތިންވަނަ އެވެ.