ޚަބަރު

ގްރޫޕުގެ އެއްވަނަ ނުލިބުމުން އަހަރެން މާޔޫސްނުވޭ: ޑެޝޯމްޕްސް


މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑާ 1-1 އިން އެއްވަރުވެ، ގްރޫޕް ޑީ ގެ އެއްވަނަ މަގާމު ނުލިބުނަސް އެކަމާ މާޔޫސްނުވާ ކަމަށް ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ، އޭނާގެ ޓީމުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ޖާގަ ހޯދަން ބޭނުންވިނަމަވެސް ވާދަކުރަންޖެހުނު ޕޮލެންޑްގެ ކީޕަރު، ޝްކޮރުޕްސްކީގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ޓީމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ނުހިފުނު ކަމަށެވެ.

ފުރަތަމަ ހާފުގައި ވެސް ފްރާންސަށް ލިބުނު ފަސް ވަރަކަށް ފުރުޞަތުގެ ބޭނުމެއް ނުހިފުނު ކަމަށާއި، އޭގައި ކީޕަރަށް ވެސް ހައްގު ކްރެޑިޓް ދޭން ވާނެ ކަމަށް ޑެޝޯމްޕްސްގެ ވާހަކައިގައި ފާހަގަކުރިއެވެ.

ޑެޝޯމްޕްސް ވަނީ، މެޗެއްގައި ލިބޭ ދެ ފުރުޞަތެއްގައި ލަނޑެއްޖެހިދާނެ ކަމަށާއި، އެކަމަކު އޭނާގެ ޓީމަށް ޕޮލެންޑް މެޗުގައި ލިބުނު ހަތް ފުރުޞަތު ވެސް ލަނޑަކަށް ބަދަލުނުކުރެވުނުކަމަށެވެ. ޑެޝޯމްޕްސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު، ލަނޑުޖަހާނެ ފުރުޞަތުތަކެއް ތަނަވަސްނުކުރެވުނުނަމަ ކަންބޮޑުވާނެ ކަމަށެވެ.

ޑެޝޯމްޕްސް ބުނީ، ފްރާންސަށް ލަނޑުޖެހުމުގައި އުނދަގޫތައް ކުރިމަތިވުމުން އެ ޓީމުގެ ޕާފޯމަންސަށް ކޮންމެވެސް ވަރަކަށް އަސަރުކުރިނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭނާގެ ޓީމު އޮތީ އުނދަގޫ ގްރޫޕެއްގައި ކަމަށް ވެސް ޑެޝޯމްޕްސްގެ ވާހަކައިގައި ފާހަގަކުރިއެވެ.

މެޗުގެ ފުރަތަމަ އެގާރައިގައި ގްރީޒްމަން ނުހިމެނުމުން އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ޑެޝޯމްޕްސް ބުނީ، މެޗެއްގައި އޭނާގެ ފަރާތުން ފެންނާނެ ކޮލިޓީ އެނގޭ ކަމަށާއި، އެކަމަކު ވެސް ޕޮލެންޑް މެޗަށް ގްރީޒްމަން އަށް އަރާމުކުރަން ފުރުޞަތުދިނީ ކަމަށެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި ގްރީޒްމަން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފިނަމަ އެ ހާލަތަށް އަންނަން ނުޖެހުނީސް ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޕޮލެންޑާ ދެކޮޅަށް ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭގެ ފަރާތުން ފެނުނު ކުޅުމާ މެދު ޑެޝޯމްޕްސް ވަނީ، އޭނާ އަށް ކުރިމަތިވީ އަނިޔާއަށްފަހު މެޗުގައި ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، މާސްކް އަޅައިގެން ކުޅޭތީވެ އެކަމަށް ހޭނެން ވަގުތު ނަގާނެ ކަމަށާއި، އެމްބާޕޭ އަކީ އަބަދުވެސް ކުޅެން ނިކުންނަން ބޭނުންވާ ކުޅުންތެރިއެއްކަން ފާހަގަކޮށްފައެވެ.