ޔޫރޯ 2024 ގްރޫޕް ސީ ގައި ރޭ ސްލޮވީނިއާ އާ 0-0 އިން އެއްވަރުވި މެޗަށްފަހު ދެއްކި ވާހަކައިގައި އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ވަނީ، މުބާރާތަށް އިންގްލެންޑް އައިއިރު ކަނޑައެޅި ފުރަތަމަ މަގުސަދު ހާސިލްކުރެވިއްޖެ ކަމަށް ބުނެފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، މުބާރާތަށްއައިއިރު އިންގްލެންޑުން އެންމެ ފުރަތަމަ ބޭނުންވީ ކޮލިފައިވެ، ގްރޫޕުގެ އެއްވަނަ ހޯދުމަށް ކަމަށެވެ. އެ ދެ ކަންތައް ހާސިލްކުރެވުނުއިރު ސްލޮވީނިއާ އާ ދެކޮޅަށް އޭނާގެ ޓީމުގެ ފަރާތުން އުއްމީދީ ކަންތައްތަކެއް ފެނިގެންގޮސްފައިވާ ކަމަށް ވެސް ސައުތުގޭޓްގެ ވާހަކަގައި ފާހަގަކުރިއެވެ.
ގްރޫޕުގެ އެއްވަނަ ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، މެޗުގައި ގޯލްތަކެއް ފެނުނުނަމަ ހުރިހާ ކަމެއް ފުރިހަމަވާނެ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.
އޭނާގެ ޓީމުން ފަހު ހާފު އެއްކޮށް ކޮންޓްރޯލްކުރިއިރު ލަނޑުޖަހާނެ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާ ކަމަށާއި، ނަސީބު ނެތުމުން ނިންމާނުލެވުނުއިރު ސްލޮވީނިއާގެ ފަރާތުން ރަނގަޅު ޑިފެންސެއް ކުރިކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ. އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، ފަހު ހާފުގައި ސަޕޯޓަރުންގެ ފަރާތުން ވެސް ވަރަށް ފުރިހަމަ ތަރުހީބެއް ލިބުނުކަން ސައުތުގޭޓް ފާހަގަކުރިއެވެ. އަދި އެކަމުގެ ސަބަބުން މެޗުގައި ބޮޑު ތަފާތެއް ފެނުނުކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ބުނީ، އޭނާގެ ޓީމުގައި މެޗުގެ ގޭމަށް ބަދަލުގެނެވޭނެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި، ސްލޮވީނިއާ މެޗުގައި ވިންގަށް ކުޅުނު ކުޅުންތެރިންނަށް ހުސްޖާގަ އާއި ފުރުޞަތުތައް ތަނަވަސްކުރަން ލިބުނު ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ނުރައްކާ ކޮށް، އެކަށީގެންވާ ވަރަށް ބޯޅަ ބޭނުންކުރަން ވަގުތު ލިބުނުއިރު މެދުތެރޭގައި ތިބި ކުޅުންތެރިންނަށް ޖާގަ ލިބުމުގެ އުނދަގޫކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވި ކަމަށް ވެސް ސައުތުގޭޓް ބުނެފައިވެއެވެ.
ފަހު ހާފުގައި އޭނާ ގެނައި ބަދަލުތަކާ ގުޅޭގޮތުން ބުނީ، ބެންޗުން އެރި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން ޕޮޒިޓިވް ކަންތައްތަކެއް ގޭމުގެ ތެރެއިން ފެނުނު ކަމަށާއި، ހަމައެކަނި ދިމާވި މައްސަލައަކީ މުހިއްމު ޕާސް ނުދެވި، ރަނގަޅަށް ނިންމާނުލެވުން ކަމަށެވެ.
އިންގްލެންޑްގެ ފަރާތުން މެޗަކަށް ފަހު މެޗެއްގައި، ކުރިއެރުން ހޯދާތަން ފެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ގޯލްތައް ފެނިގެންދާނެ ކަމަށް ވެސް ސައުތުގޭޓްގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އޭނާގެ މަސައްކަތް ފުރިހަމަވެގެންދާނީ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ދައްކައިދިނުމަށް އެހީތެރިވެ، އެކަން ހާސިލްކޮށްދެވުމުން ކަމަށް ވެސް ނިންމާލަމުން ސައުތުގޭޓް ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން އިންގްލެންޑްގެ ޑިފެންޑަރު، ކިއެރަން ޓްރިޕިއާ ބުނީ، މުބާރާތް ފެށިއިރު އޮތް އަމާޒަކީ ނޮކްއައުޓް ބުރަށް ދަތުރުކުރުން ކަމަށާއި އެކަން ހާސިލްކުރެވިއްޖެ ކަމަށެވެ. އަދި އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވުނު ނަމަވެސް ގްރޫޕުގެ އެއްވަނަ މަގާމު ލިބިއްޖެ ކަމަށާއި، އަދިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރި ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޓްރިޕިއާ ބުންޏެވެ.