ޚަބަރު

އެމްކިޔުއޭއިން ޤަބޫލްކުރާ ކޯހެއްގެތެރެއިން ކައުންސިލަރުން ތަމްރީން ކުރަންޖެހޭ: ޑރ.ޒުލްފާ


  • ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އަދާ ނުކުރާކަމުގެ ޝަކުވާތައް ގިނަ

  • އެމްކިޔުއޭއިން ޤަބޫލުކުރާ ކޯހެއް ތައްޔާރުކޮށް ކައުންސިލަރުން ތަމްރީންކުރަންޖެހޭ

  • ކޯހާއެކު މަސްއޫލިއްޔަތުތައް ކައުންސިލަރުންނަށް ރަނގަޅަށް އެނގޭކަން ކަށަވަރު ކުރެވޭނެ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަ ނުކޮށް ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ޑރ. ޒުލްފާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވީ ކައުންސިލަރުންނާމެދު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޤާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ކައުންސިލަރުން އަދާ ނުކުރާ ކަމުގެ ޝަކުވާ ކަމަށެވެ. އަދި ކޮންމެ ކައުންސިލަރަކުވެސް އިންތިޚާބުވުމުގެ ކުރިން ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވިނަމަވެސް ބައެއް ކައުންސިލަރުންނަށް ޤާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ރަނގަޅަށް ނޭނގޭކަން ޑރ. ޒުލްފާ ފާހަގަކުރެއްވިއެވެ.

އަދި މިކަން ހައްލުކުރުމަށް ކައުންސިލަރުން ތަމްރީންކުރުން އަބަދުވެސް ކުރިއަށްގެންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ޖުމްލަ ހައްލެއް ނޫން ކަމަށާއި، ޖުމްލަ ހައްލެއް ލިބޭނެކަމަށް ޤަބޫލުކުރެވެނީ ކޯހެއް ފުރިހަމަކުރުމަށްފަހު، ކައުންސިލަރުން ހުވާކުރުމުން ކަމަށް ޒުލްފާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އެމްކިޔުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާކުރުމުގެ މަރުޙަލާ ކަނޑަތު ނުކުރެވޭ ގޮތް ހެދުން. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށްފައި ޤާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫހެއް ބައެއް ކައުންސިލަރުން ނުގެންގުޅުއްވާ. ރައްޔިތުން އެދޭ ކަންކަން އެޖެންޑާ ނުކޮށްދެއްވާ." ޑރ. ޒުލްފާ ވިދާޅުވިއެވެ.

ޑރ. ޒުލްފާ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ތައްޔާރުކޮށްގެން ކައުންސިލަރުންނަށް ތަމްރީން ދިނުން ވަރަށް މުހިންމު ކަމަށެވެ. އަދި އޭރުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންނަކީ ޤާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރެވޭނެކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އޮންނަ ގޮތުން ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމަކީ ރަށު ކައުންސިލްގެ މަސްއޫލިއްޔަތެކެވެ. އަދި ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ އަތޮޅު ކައުންސިލާއި ސަރުކާރާ ޙިއްސާކުރުމަކީވެސް ރަށު ކައުންސިލް މަސްއޫލިއްޔަތެކެވެ.