ޚަބަރު

ސަރޖަރީ ޑޮކްޓަރުން ތަމްރީންކުރަން މެލޭޝިޔާއާއެކު އެއްބަސްވުމެއްގައި ސޮއިކުރަނީ


  • އެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ދިވެހިންނަށް ކިޔެވޭނެ

  • ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުންގެ ޑިމާންޑު ރާއްޖޭގައި ބޮޑު

ސަރޖަރީ ޑޮކްޓަރުން ތަމްރީންކުރަން މެލޭޝިޔާއާއެކު އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޅިވަރު ކުޅޭއިރު ލިބޭ އަނިޔާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މަހާސިންތާއެއްގައި ވާހަކަދައްކަވަމުންނެވެ.

ކުޅިވަރުން ލިބޭ އެކި އަނިޔާތަކާއި އޭގެ ފަރުވާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި މަހާސިންތާ ކުރިއަށްގެންދިޔައީ މެލޭޝިޔާގެ ކެބާންސަން ޔުނިވަރސިޓީއާއި ޑިޕާޓްމަންޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސަރޖަރީއާއި މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަން ގުޅިގެންނެވެ.

މިމަހާސިންތާގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ކުޅިވަރު ކުޅޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ކުޅުންތެރިންނަށް އަނިޔާ ލިބޭ މިންވަރު އިތުރުވާނެކަމަށާއި، އެހެންކަމުން ޑިމާންޑާ އެއްވަރަށް ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގައި ތިބެންޖެހޭކަމަށެވެ.

ޢަބްދުﷲ ރާފިޢު ވިދާޅުވީ ދިވެހި މުޖުތަމަޢަކީ ހަށިހެޔޮ ހަރަކާތްތެރި މުޖުތަމަޢަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކުޅިވަރުން ލިބޭ އަނިޔާތަކަށް ފަރުވާކުރާ ޑޮކްޓަރުން ތަމްރީންކުރަން މެލޭޝިޔާއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ، ޔުނިވަރސިޓީތަކުން ދިވެހި ސާޖަނުންނަށް ތަމްރީން ފުރިހަމަކުރެވޭނެ މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މެލޭޝިޔާގެ ސަބާއަށް ގޮސް އެޤައުމުގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކުރުމުގެ ފުރުޞަތެއް އަޅުގަނޑަށް ލިބުނު. މިބައްދަލުވުމުގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ އެއްބަސްވެވިފައި. މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގައި ދިވެހި ޑޮކްޓަރުންނަށް ކިޔެވޭނެ. މިހާރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްގެން އެއްބަސްވުމުގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން." ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

މިމަހުގެ 26 އިން 27 އަށް ކުރިއަގެންދިޔަ މަހާސިންތާގައި ކުޅުންތެރިން ނުވަތަ އެތުލީޓުންނަށް ލިބޭ ތަފާތު އަނިޔާތަކާ ބެހޭގޮތުން ތަޖުރިބާކާރުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ކޮނޑު ހުޅަށް ލިބޭ އެކި ގެއްލުންތަކަށް ފަރުވާ ދިނުމުގައި ރާއްޖޭއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކަކުލު ހުޅަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުންވެސް މިމަހާސިންތާގައިވަނީ މަޝްވަރާކުރައްވާފައެވެ.