ޚަބަރު

ހައްޔަރުކުރި ޖަލު އޮފިސަރުންގެ ތެރެއިން 11 މީހުން ޝަރީޢަތް ނިމެންދެން ބަންދަށް


  • ޖަލު އޮފިސަރުން ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

  • 2 މީހުންގެ ބަންދަށް 5 ދުވަސް

  • 11 މީހުން ބަންދުކޮށްފައިވަނީ ޝަރީޢަތް ނިމެންދެން

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް ހައްޔަރުކުރި 13 މުވައްޒަފުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއޮޕަރޭޝަންގައި ހައްޔަރުކުރި މުވައްޒަފުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހަކު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދެން ތިބި 11 މީހުން ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން އޮޕަރޭޝަނެއް ކުރިއަށްދާކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފުލުހުން ވިދާޅުވީ މާފުށީ ޖަލުގައި ކުރިއަށްދާ މިއޮޕަރޭޝަންގައި މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުޅުވީ އިންޓެލިޖެންސް ބޭނުންކޮށްގެން ހޯދި މައުލޫމާތުން 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ފައިސާ ޖަމާވެފައިވަނީ ގައިދީންގެ އެކައުންޓުތަކުންނާއި ކުށުގެ ވެށީގައި ފާހަގަކުރެވޭ މީހުންގެ އެކައުންޓުތަކުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ފުލުހުންގެ މި އޮޕަރޭޝަނުގައި މިހާތަނަށް ކަރެކްޝަންސްގެ 13 މުވައްޒަފެއް ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކޮށްފައިވަނީ މާފުށިންނެވެ. ދެ މީހަކު ކ. ކާށިދޫން ހައްޔަރުކޮށްފައިވާއިރު މާލެއިންނާއި ހއ.އުތީމުންވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.