ޚަބަރު

ބަނގުރާކަމަށް ޝައްކު ކުރެވޭ 150 ފުޅިއާއެކު 2 މީހަކު ހައްޔަރުކޮށްފި


  • ބަނގުރާކަމަށް ޝައްކު ކުރެވޭ ފުޅިތަކާއެކު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވޭ

  • 2 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން

ބަނގުރާކަމަށް ޝައްކު ކުރެވޭ 150 ފުޅިއާއެކު 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަނގުރާކަމަށް ޝައްކު ކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މޭ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާގޮތުން މިއަހަރުގެ އެހާތަނަށް 56 އޮޕަރޭޝަނަކުން 19 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެއީ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށްވުރެ އިތުރެވެ.

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ހުއްޓުމަށް ކަނޑު އުޅަނދުތަކުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރަންވަނީ ނިންމާފައެވެ.