ބައިނަލްއަޤްވާމީ ބިލިއާޑް މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން 10 ބޯލް ޕޫލް ބިލިއާޑް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ގްރީސްގެ އެލެކްސް ކަޒާކިސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އެސްޓޯނިއާގެ ޗެމްޕިއަން ޑެނިސް ގްރާބޭ ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން އުމުރުން 34 އަހަރުގެ ގްރާބޭ ހޯދީ ފައިނަލުގައި ކަޒާކިސް އާއި ވާދަކޮށް ވާދަވެރި ކުޅުމަށްފަހު ރޭސް ޓު ޓެން ފްރޭމުންނެވެ. މެޗު ގްރާބޭ ކާމިޔާބުކުރީ 9 ފްރޭމް 10 ފްރޭމުންނެވެ. މެޗު ގިނަ އިރުތަކަކަށް ދިގުދެމިގެންދިޔަ އިރު، ކަޒާކިސް ވެސް ވަނީ މި މެޗުގައި ރަނގަޅު ވާދައެއް ކޮށްފައެވެ.
ރިކޯޑު އަދަދަކަށް މިފަހަރުގެ މޯލްޑިވްސް އޯޕަންގައި ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ބައިވެރިވިއެވެ. ޗެމްޕިއަންކަން ހޯދި ގްރާބޭ އަކީ އެސްޓޯނިއާގެ ގައުމީ ޗެމްޕިއަންކަން 35 ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އެންމެ ފަހުން އެމެރިކާގެ ލަސް ވޭގަސްގައި ބޭއްވި ވޯލްޑް 10 ބޯލް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޯދާފައިވާ ކުޅުންތެރިޔާ އެވެ.
މީގެ އިތުރުން އޭނާ ވަނީ 2016 ވަނަ އަހަރު ބޭއްވި ވޯލްޑް ނައިން ބޯލް ޗެމްޕިއަންޝިޕް ވޯލްޑް ކަޕުގެ ތިންވަނަ ހޯދާފައެވެ. އަދި ގައުމީ ފެންވަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
މުބާރާތުގެ ދެވަނަ ހޯދި ކަޒާކިސް އަކީ ޔޫރަޕުގެ ކުރީގެ 10 ބޯލް ޗެމްޕިއަނެކެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ދުނިޔޭގެ އެއްވަނައިގައި އޮތް ކުޅުންތެރިއެކެވެ.
މޯލްޑިވްސް އޯޕަން 10 ބޯލް ޕޫލް ބިލިއާޑް ޗެމްޕިއަންޝިޕުގައި މިދިޔަ އަހަރާއި ހިލާފަށް ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވިއެވެ. އެގޮތުން 96 ކުޅުންތެރިން ވާދަކުރިއިރު ރާއްޖޭގެ 16 ކުޅުންތެރިން ވާދަކުރިއެވެ. މީގެތެރެއިން ދުނިޔޭގެ ވަރުގަދަ ކުޅުންތެރިންނާއި ވާދަކޮށް ދިވެހި ކުޅުންތެރިންނަށް އެންމެ ދުރަށް ދަތުރުކުރީ ނޮކައުޓަށް ބުރާ ހަމަޔަށެވެ.
ނޮކައުޓް ބުރުން މި އަހަރު ފުރުސަތު ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިއަކީ ރާއްޖޭގެ އަހުމަދު ޝިވާޒް އެވެ. ޝިވާޒް ވަނީ ވާދަކުރި ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗުން މޮޅުވެފައެވެ.
މިދިޔަ އަހަރުގެ މޯލްޑިވްސް އޯޕަންގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު ވަނީ މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރުން ޖާގަ ހޯދައިފައެވެ.
ދުނިޔޭގެ ފަސް ޗެމްޕިއަނުން މިފަހަރުގެ މޯލްޑިވްސް އޯޕަންގައި ވަނީ ފެނިގެންގޮސްފައެވެ. އަދި ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި މުބާރާތް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލާފައެވެ.