ޚަބަރު

ތުރުކީން ރާއްޖެއަށް ކާޑު ގެންނަން ފެށީ މިދިޔަ އޭޕްރީލް މަހު: އެސްޓީއޯ


  • 20008 ބަސްތާ ފުށް ރާއްޖެ ގެނެސްފައިވޭ

  • މި ޝިޕްމެންޓް ރާއްޖެ ގެނައީ އޭޕްރީލް 20ގައި

ތުރުކީވިލާތުން ކާޑު ޝިޕްމެންޓެއް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

ރާއްޖެއަށް ބޭނުންވާ ކާޑުގެ އެކި ބާވަތްތައް ތުރުކީވިލާތުން ގެނައުމާމެދު އެ ޤައުމާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މދިޔަ އަަހަރުގެ ނޮވްނެބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެންބަރު މަހުގެ 26 އިން 29 އަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހުރިއްޔާ މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެ ވެސް އިތުރަށް ތުރުކީވިލާތުން ހަނޑޫ، ހަކުރު، ފުށް ގެންނަން ނިންމަވައި، އެކަމާއި ގުޅޭ އެއްބަސްވުންތައް ޤާއިމްކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެސްޓީއޯއިން ބުނީ ތުރުކީވިލާތުގެ ކާޑު ޝިޕްމެންޓެއް މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ޝިޕްމެންޓުގައި ރާއްޖެ އެތެރެކޮށްފައިވަނީ 20،008 ފުށް ބަސްތާކަމަށް އެސްޓީއޯއިން މަޢުލޫމާތު ދިނެވެ.

ތުރުކީން ގެންނަންބުނި ކާޑުގެ ބާވަތްތައް އަދިވެސް ރާއްޖެ ނާންނަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު ކާޑުގެ ބާވަތްތައް އެޤައުމުން ރާއްޖެގެނެސް މިހާރުވެސް ބައެއް ފިހާރަތަކުން ވިއްކަމުންއެބަދެއެވެ.

އެސްޓީއޯއިން ބުނީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާނީ ބޭނުންވާ މިންވަރަކުން ކަމަށާއި މަޤްޞަދަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާޑު ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށް ވިދާޅުވެ، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށް ވެސް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ޤައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިތުރު ޤައުމުތަކުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.