ޚަބަރު

އަމިއްލަ ފަރާތްތަކުން އުޅަނދުތަކުގައި ގެންދާ ކުނި ހުސްކޮށްދިނުމުގެ ޚިދުމަތް ވެމްކޯއިން ފަށައިފި


  • ކުނި ހުސްކޮށްދިނުމަށް ވެމްކޯއިން ފީއެއް ނަގާނެ

  • އަމިއްލައަށް ކުނި ހުސްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތު އޮންނާނެ

  • ކުނިން މާލީ މަންފާ ހޯދުމުގެ މަސައްކަތްތަކެއް ވެމްކޯއިން ދަނީ ކުރަމުން

އަމިއްލަ ފަރާތްތަކުން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް އުޅަނދުތަކުގައި ގެންދާ ކުނި ހުސްކޮށްދިނުމުގެ ޚިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ސީނިއަރ ޕީއާރު އޮފިސަރ މީކާއިލް އަޙްމަދު ޝަރީފް ވިދާޅުވީ މިމަހުން ފެށިގެން އަމިއްލަ ފަރާތްތަކުން ގެންނަ ކުނި ހުސްކުރުމުގެ ޚިދުމަތް ވެމްކޯގެ މުވައްޒަފުން ދޭނެކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް މިޚިދުމަތް ދޭނީ ވެމްކޯއަށް ފީއެއް ދެއްކުމުންކަމަށް މީކާއިލް ވިދާޅުވިއެވެ.

"އަމިއްލައަށް ކުނި ހުސްކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ދޭނަން. އެމީހުންނަށްދޭނެ 7 މިނިޓުގެ ލިމިޓެއް." މީކާއިލް ވިދާޅުވިއެވެ.

ކުނި ހުސްކުރުމުގެ ޚިދުމަތަށް ދައްކަންޖެހޭ ފީ:

• 0-350 ކިލޯ ގްރާމާ ދެމެދުގެ ކުނި ހުސްކުރާނަމަ 50 ރުފިޔާ
• 351-1500 ކިލޯ ގްރާމާ ދެމެދުގެ ކުނި ހުސްކުރާނަމަ 75 ރުފިޔާ
• 1500 ކިލޯ ގްރާމަށްވުރެ ބަރު ކުނި ހުސްކުރާނަމަ 100 ރުފިޔާ

ވެމްކޯއިން ބުނީ މިގެނެވުނު ބަދަލުތަކާއެކު ޓްރާންސްފަރ ސްޓޭޝަނުން ކުނި ހުސްކުރުން އިތުރަށް އަވަސްވެ، އުޅަނދުތައް ކިޔުގައި ތިބެންޖެހޭ ވަގުތު ވަރަށް ބޮޑު ތަނުން މަދުކުރެވޭނެކަމަށެވެ.

މީގެ އިތުރުން ވެމްކޯއިން ދަނީ ކުނިން މަންފާ ހޯދުމުގެ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ތަފާތު ބަވާތްތަކުގެ ކުނި ވަކިކޮށް، ޕުލާސްޓިކާއި ދަގަނޑުފަދަ މާއްދާތައް ރިސައިކަލްކޮށް ވިއްކުމުގެ މަސައްކަތްތަކެއް ވެމްކޯއިން ދަނީ ކުރައްވަމުންނެވެ.