ޚަބަރު

މާފުށީ ޖަލު އޮޕަރޭޝަން: 8 ޔުނިޓެއް ބަލާ ފާސްކޮށް 29 ފޯނު ހޯދައިފި


  • މި އޮޕަރޭޝަނުގައި ތަންފީޒީ އިދާރާތަކުގެ 308 ފަރާތެއް ބައިވެރިވި

  • ޖަލު އޮފިސަރުންތަކެއްގެ މައްޗަށް ބޮޑު ތަޙުޤީޤެއް ފުލުހުން ދަނީ ހިންގަމުން

މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް 29 ފޯނާއި އެއާއި ގުޅުން ހުރި ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.

މާފުށީ ޖަލަށް ޤަވާއިދާ ޚިލާފަށް ތަކެތި ވައްދާ މައްސަލައާއި ގުޅިގެން ދާޚިލީ ވުޒާރާގެ އިސްނެގުމަކަށް ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެޝަނަލް ސަރވިސް އަދި އެމްއެންޑީއެފް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ޖުމްލަ 308 އޮފިސަރުން ބައިވެރިވެއެވެ. އެއީ 183 ފުލުހަކާއި، އެމްއެންޑީއެފްގެ 81 ސިފައިންނާއި، ކަރެކްޝަނަލް ސަރވިސެސްގެ 40 އޮފިސަރުންނެވެ.

މި އޮޕަރޭޝަނުގައި މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވާއިރު، އެތަނުން 29 މޯބައިލް ފޯނާއި، 17 ޗާޖަރާއި، 12 ހެޑްސެޓު، 3 ޕެންޑްރައިވް، 3 އިއަޕޮޑާއި، 3 ކޭބަލްގެ އިތުރުން 2 ސިމްކާޑު އަދި 4 ބޮގަރު ފުޅި ފެނިފައިވެއެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ދަޚިލީ ސަލާމަތާއި ފަންނީއްޔާތާއިބެހޭ ވަޒީރު ވަނީ މާފުއްޓަށް ވަޑައިގެންފައެވެ. މި ޒިޔާރާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އަދި ކޮމިޝަނަރ އޮޕް ޕްރިޒަންސް ހަސަން ޒަރީރުގެ އިތުރުން ޕޮލިސް އަދި ކަރެކްޝަންސްގައި އިސްކޮށް މަސައްކަތްކުރައްވާ ގިނަ އޮފިސަރުންތަކެއް ވަނީ ބައިވެރިވެފައިވެއެވެ.

މާފުށީ ޖަލަށް ޤަވާއިދާއި ޚިލާފަށް ތަކެތި ވައްދާކަމުގެ ތުހުމަތު ސަރުކާރުން 18 އޮފިސަރެއްގެ މައްޗަށްކޮށް އޭގެ ތެރެއިން 13 މީހެއް ވަނީ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިޔަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.