ޚަބަރު

ފުރަތަމަ 6 މަސްތެރޭ މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން، މިއީ %9.2ގެ ކުރިއެރުމެއް


  • 6 މަސްތެރޭ ރާއްޖެއަށްވަނީ 1،015،529 ފަތުރުވެރިން ޒިޔާރަތްކުރި

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 4109 ފަތުރުވެރިން

  • އެންމެ ގިނައީ ޗައިނާ ފަތުރުވެރިން

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަސްތެރޭ ރާއްޖެއަށް 1.01 މިލިޔަން ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން 6 މަސް ދުވަސްތެރޭ ރާއްޖެއަށްވަނީ 1،015،529 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 929،607 އާ އަޅާ ބަލާއިރު 9.2 އިންސައްތަ އިތުރު އަދަދެކެވެ.

ހަ މަސް ދުވަސްތެރޭ ރާއްޖެއަށް މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ މިހާތަނަށް އެންމެ އެއް މަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީމަހުއެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

* ޖަނަވަރީ – 192385 ފަތުރުވެރިން
* ފެބްރުއަރީ – 217392 ފަތުރުވެރިން
* މާރޗް – 194،227 ފަތުރުވެރިން
* އޭޕްރީލް – 168366 ފަތުރުވެރިން
* މޭ – 119875 ފަތުރުވެރިން
* ޖޫން - 123284 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4109 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިން 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

* ޗައިނާ – 120726 ފަތުރުވެރިން
* ރަޝިއާ – 105068 ފަތުރުވެރިން
* އިނގިރޭސިވިލާތް – 93291 ފަތުރުވެރިން
* އިޓަލީ – 79909 ފަތުރުވެރިން
* ޖަރުމަނުވިލާތް – 78135 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1203 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 62360 އަށް އަރައެވެ.

ރާއްޖެއިން މިއަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިކަމުން ހާސިލްކުރަން ކަނޑައެޅި އަމާޒުގެ %50 ހާސިލްކުރެވިފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަރުތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމުގެ ހަރަކާތްތައް އިތުރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.