ޚަބަރު

އާސަންދައިން އައިވީއެފް ފަރުވާއަށް މިއަހަރު 30 މިލިއަން ރުފިޔާގެ ބަޖެޓެއް


  • އައިވީއެފް ފަރުވާއަށް ޚާއްސަ ފަންޑެއް ޤާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން

  • މިއަހަރު 100 ދެމަފިރިއަކަށް އާސަންދައިން ފަރުވާ ދިނުމަށްވަނީ ހަމަޖެހިފައި

  • ފުރަތަމަ ބުރުގައި ޝަރުތު ހަމަވާ 37 ދެމަފިރިން މިހާރުވަނީ ހޮވާފައި

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާއަށް އާސަންދައިން މިއަހަރު ކަނޑައަޅާފައިވަނީ 30 މިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އައިވީއެފަށް އާސަންދައިގެ ދަށުން ޚަރަދުކުރުމަށް ޝަރުތުހަމަވާ 37 މީހުންގެ ވަގުތީ ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ.

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދުގެ ދަށުން މިފަރުވާ ބޭނުންވާ 100 ދެމަފިރިއަކަށް މިއަހަރު އާސަންދަ މެދުވެރިކޮށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވަނީ ނިންމަވާފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ރާއްޖެއިން މުޅިން އަލަށް ފަށައިގަންނަކަމެއްކަމުން މިދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ މަޝްވަރާ ސަރުކާރުން ހޯއްދަވާފައިވާކަމަށެވެ. އަދި މިއަހަރަށް ކަނޑައަޅާފައިވާ 100 ދެމަފިރިންގެ ފަރުވާގެ ޚަރަދަށް ކަނޑައަޅާފައިވަނީ 30 މިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ހީނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މިޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރަންޖެހޭ ޚާއްސަ އައިވީއެފް ފަންޑުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިބަލަނީ މިއަހަރަށް ކަނޑައަޅާފައިވާ 100 ދެމަފިރިންނަށް 30 މިލިއަން ރުފިޔާގެ ބަޖެޓުން ވާނެކަމަށް. އެކި ބޭފުޅުންގެ ފަރުވާއަށް ހޭދަވާނެކަމަށް ބެލެވެނީ އެކިވަރަށް. އެއީ ބައެއް ބޭފުޅުންގެ ފަރުވާ 1 ސައިކަލްއިންވެސް ފުރިހަމަވެދާނެ. މާބަނޑުވުމާއެކު އެމީހުން ވަދެގެންދާނީ އާއްމު މާބަނޑު މީހަކަށްވެސް ފަރުވާ މިލިބޭ އުސޫލުގެ ތެރެއަށް." ހީނާ ވިދާޅުވިއެވެ.

އައިވީއެފް ފަރުވާގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފަރުވާ ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އެގޮތުން ރާއްޖޭގެ ރަށަކުން މާލެ އަންނަ ފަރާތެއްނަމަވެސް އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދާނަމަވެސް ތިބުމުގެ ޚަރަދާއި ކެއިން ބުއިމުގެ ޚަރަދު މިފަރުވާގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އައިވީއެފް ފަރުވާއަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ބުރު 153 މީހަކުވަނީ ފޯމު ހުށައަޅާފައެވެ. މީގެތެރެއިން ޝަރުތު ހަމަވާ 37 މީހެއްގެ ލިސްޓު މިހާރުވަނީ އާއްމުކޮށްފައެވެ. ލިސްޓާއި ގުޅިގެން ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް މިހާރު އޮތީ ހުޅުވާލާފައެވެ. އަދި ފުރަތަމަ ބުރުގައި ޝަރުތު ހަމަނުވާ މީހުންގެ ތެރެއިން ރަނގަޅުކުރެވެން ހުރިކަންކަން ރަނގަޅުކުރުމަށްފަހު ދެވަނަ ބުރުގައި އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެންސްޕާއިން ބުނެއެވެ.

ގިނަ ފަރާތްތަކަކުން ޝަރުތު ހަމަނުވަނީ އައިވީއެފް ފަރުވާއަށް ޝަރުތު ހަމަވުމަށް ބަލާ ބޮޑީ މާސް އިންޑެކްސް ހުންނަންވާ މިންގަނޑަށް ނެތުމުންނެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ހަމަކުރަންޖެހޭ މުއްދަތު ހަމަނުވުމުގެ މައްސަލަތައްވެސް ހުރިކަން އެންސްޕާއިން ފާހަގަކުރެއެވެ.