ޚަބަރު

ޞިއްޙީ ގިނަ މައްސަލަ ކުރިމަތިކުރުވާ ހަކުރުބަލިން ދުރާލާ ސަލާމަތްވާން މަސައްކަތްކުރަންޖެހޭ: މެޑަމް ސާޖިދާ


  • ރާއްޖޭގެ ކޮންމެ 20 މީހަކުން 1 އެއީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލުކުރާ މީހެއް

  • 18 އަހަރުން ދަށުގެ 201 ކުއްޖަކުދަނީ ހަކުރުބަލީގެ ޓައިޕް 1 ތަހައްމަލުކުރަމުން

  • ދުރާލާ ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހޭ ހިސާބެއްގައި ޤައުމުއޮތީ

ޞިއްޙީ ގިނަ މައްސަލަތަކަކަށް މީހާ ހުށަހެޅުމަށް މަގުފަހިކުރާ ހަކުރު ބަލިން ދުރާލާ ރައްކާތެރިވުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ ވިދާޅުވީ ހަކުރު ބައްޔަކީއޭގެ ޒާތުގައި އިންސާނާގެ އެތެރެ ހަށީގެ ހިނގުމަށް ހަމަލާދޭ ގުނަވަންތައް ފެއިލްކޮށްލާ ފަދަ ބައްޔެއްކަމުން މިކަމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ރާއްޖޭގައި ހަކުރުބަލީގެ ޝިކާރައަކަށްވަމުންދާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ 10 މީހަކުން އެކަކީ ހަކުރު ބަލީގެ ޓައިޕް ޓޫގެ ވޭން ތަހައްމަލުކުރަމުންދާ މީހެއްކަން ތަފާސްހިސާބުތަކުން ހާމަވެފައިވާކަމަށެވެ.

އަދި މީގެ އިތުރުން މިކަމުގައި އެންމެ ބޮޑު ރަތް ސިގްނަލަކީ މިވަގުތު ރާއްޖޭގައި ހަކުރު ބަލީގެ ޓައިޕް ވަންއަށް ހުށައެޅި އެބަލީގެ ވޭން އުފުލަމުންދާ އުމުރުން 18 އަހަރުން ދަށުގެ 201 ކުޑަކުދިން ފާހަގަވެފައިވުން ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެހެންކަމުން ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަން ކުރެވި މިއަދު ބައްޔާއި ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ހަކުރު ބައްޔަކީ ލޮލުގެ ފެނުން ކިޑްނީގެ ބަލިތައް އަދި އެތެރެހަށީގެ ގުނަވަންތަކުގެ ހިނގުން ހުއްޓުވާލާ ޞިއްޙީ އެތައް މައްސަލައަކަށް މަގުފަހިކުރާ ބައްޔެއް. އެހެންކަމުން މިބަލިން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރަންޖެހޭ." ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ މިކަމުން އަރައިގަތުމަށް ކޮންމެ މީހަކުވެސް ހަކުރު ބައްޔާއި ގުޅޭ މަޢުލޫމާތު ހޯދަންޖެހޭކަމަށެވެ. އަދި ތިމާގެ ދަރިންނާއި އާއިލާއަށް ކާންބޯން ދިނުމުގައި ތައްޔާރީ ކާނާގެ ބަދަލުގައި ހަކުރު މަދުން ބޭނުންކުރާ ގޭގައި ތައްޔާރުކުރާ ބާވަތްތައް ދިނުން މުހިއްމުކަމަށެވެ. ހަމައެއާއެކު މިވަގުތު ބަލި ތަހައްމަލު ކުރަމުންދާ މީހެއްނަމަ ބޭސް ފަރުވާއަށް ސަމާލުވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ސާޖިދާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަދަރުސީ ދައުރުން ފެށިގެން ކުދިންނަށް ހަކުރުބަލީގެ މަޢުލޫމާތު ދިނުމުގެ މުހިއްމުކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

ހަކުރު ބައްޔާ ދެކޮޅަށް ރާއްޖޭގައި ވޭތުވެދިޔަ 24 އަހަރު މަސައްކަތްކޮށްފައިވާ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުންވަނީ އެކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

"މިއީ ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ކާމިޔާބު ޖަމްޢިއްޔާއެއް. މިވަގުތުވެސް 2036 މެމްބަރުން މިޖަމްޢިއްޔާގައި އެބަތިބި. އަދި ބަލި ދެނަގަތުމަށް މިއަހަރު އެކަނިވެސް 2176 ސްކޭންކޮށްފައިވޭ." ސާޖިދާ ވިދާޅުވިއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރައްވަމުންގެންދަވާ މަސައްކަތަކީ ބުރަ އަދި ޓެސްޓުކުރުމަށް ބޭނުންކުރާ ވަޞީލަތުގެ އަގު ބޮޑު ކަމެއްކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިފަދަ ޖަމްޢިއްޔާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

މިރަސްމިއްޔާތުގައި މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް މި ޙަފްލާގައި ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މިރަސްމިއްޔާތުގައިވަނީ ރާއްޖޭގައި ހަކުރު ބަލި އޮތް މިންވަރު ދެނެގަތުމަށް ކުރިއަށްގެންދެވިފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި ރާއްޖޭގައި ހަކުރުބަލީގެ ނުރައްކާ އޮތް މިންވަރު މިމަޢުލޫމާތުންވަނީ ހާމަވެފައެވެ.