މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު ދަށްވެއްޖެއެވެ.
ފުލުހުން އާއްމުކޮށްފައިވާ މިއަހަރުގެ ޖޫންމަހުގެ ތަފާސްހިސާބު ދައްކާގޮތުން އެމަހުގެތެރޭ އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން ވައްކަމުގެ 315 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ފޭރުމުގެ 29 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މިއަހަރުގެ މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ 335 މައްސަލައެވެ. އަދި ފޭރުމުގެ 50 މައްސަލަ ހުށަހަޅާފައިވެއެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވާކަން ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޖޫންމަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވުމަކީ ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.
It is encouraging to see a decrease in theft and robbery in June compared to May, despite no significant changes in overall crime patterns. https://t.co/8nhaE2Yodh pic.twitter.com/OoXHkCza6D
— Ahmed Shifan (@Shifan4040) July 5, 2024
ޖޫންމަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު މަދުވެފައިވީ ނަމަވެސް އެހެން ކުށްތަކުގެ ތަފާސްހިސާބުތަކަށް މާބޮޑު ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރެއެވެ.
ޖޫންމަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 212 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 175 މައްސަލަ ހުށަހަޅާފައިވެއެވެ.
■ ވައްކަމާއި ފޭރުމުގެ 344 މައްސަލަ
■ ޓްރެފިކް އެކްސިޑެންޓުގެ 212 މައްސަލަ
■ މަސްތުވާތަކެތީގެ 175 މައްސަލަ
■ މުދާ ގެއްލިގެން 77 މައްސަލަ
ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް ހާމަކުރަން ފެށީންސުރެން ވައްކަމުގެ މައްސަލަތައް ހުރީ އެވްރެޖްކޮށް ކޮންމެ އަހަރެއްގައިވެސް 3000 އިން މަތީގައެވެ. 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3973 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި 2023 ވަނަ އަހަރު ނިމުނު އިރު ވައްކަމުގެ 3818 މައްސަލަ ވަނީ ހުށަހަޅާފައެވެ.
ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.