ޚަބަރު

ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގަމުން ދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 1ގައި

  • ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްދޭ ތަންތަން ހިންގުމަކީ ބިދޭސީންނަށް މަނާކަމެއް

  • ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުން

ހުޅުމާލޭގައި ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕްތައް ބަލާ ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހުކުރުދުވަހުގެ ހަވީރު ހުޅުމާލެ ފޭސް އެކެއްގައި ކުރިއަށް ގެންދިޔަ މި ރެއިޑު ކުރިއަށްގެންގޮސްފައިވަނީ ފުލުހުންނާ ގުޅިގެންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ރެއިޑު ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕްތަކަށް ކަމަށެވެ. މި އޮޕަރޭޝަންގައި 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންނާއި ގުޅޭ ތަހުޤީގުކުރިއަށްދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ.

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެތެރޭގައި ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްދޭ ކެފޭ، ރެސްޓޯރެންޓު އަދި ބޭކަރީ ފަދަ ތަންތަން ހިންގުން ހިމެނެއެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީ މަސައްކަތު މީހުން ހަރަކާތްތެރިވަމުން އަންނައިރު މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ސިޔާސަތުތަކާއެކު މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އޮޕަރޭޝަން ކުރަނގި ނަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކ. ހިންމަފުށި އަދި މާފުށީގައި މިމަސައްކަތް މިހާރުވަނީ ކުރިއަށްގެންގޮސްފައެވެ. މިތަޖުރިބާއަށް ބެލުމަށްފަހު މިއީ ވަކި ވަކި ރަށްރަށުގައި ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އެކަނި ކުރެވޭނެކަމަކަށް ނުވާތީ، މިކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ޑީއެންއާރް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުފަހިކުރުމަށް އެވުޒާރާއިންދަނީ މަސައްކަތް ކުރަމުންނެވެ.