ވިޔަފާރި

އަސާސީ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ރޯދަމަހު ލިބޭނެ


ރޯދަ މަހަކީ ދިވެހިންގެ ޢާންމު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެންނަ މަހެކެވެ. ޚާއްޞަކޮށް ކެއިން ބުއިމަށް ބޭނުންކުރާ ބައެއް ބާވަތްތައް އިތުރަށް ބޭނުންކުރާ މަހެކެވެ. ޒަމާންތަކަކަށް ދެމިގެން އަންނަ މިކަން މިހާރު މިވަނީ ސަޤާފަތަކަށް ވެފައެވެ. މިފަދަ ބަދަލުތަކާ ގުޅިގެން ރޯދަމަހު ބައެއް ބާވަތްތަކުގެ އަގު މަތިވާގޮތް ދިމާވެއެވެ. އަދި އެކަމުގެ ސަބަބުން ކެއިން ބުއިމާބެހޭ ޚަރަދުތައް ބޮޑުވާކަން ފާހަގަކުރެވެއެވެ.

ފާއިތުވެދިޔަ ފަހުގެ އަހަރުތަކަށް ބަލާއިރު، ކޮންމެ އަހަރަކުވެސް ފާހަގަކުރެވިފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް މައްޗަށް އުފުލޭ އެއް މަހަކަށް ރޯދަމަސް ވެފައި ވާކަމެވެ. އެގޮތުން އަސާސީ ބާވަތްތައް ކަމަށްވާ ފިޔަޔާއި ބިހާއި އަލުވި ބާޒާރުން ލިބޭމިންވަރު މަދުވެ، ރޯދަމަހާ ދިމާކޮށް އަގުތައް އުފުލިގެންދެއެވެ. 

img:http://s1.psmnews.mv/images/660x400/14634201248962.jpg|އެސްޓީއޯ ސުޕަރމާރޓް / ފޮޓޯ: ޕީއެސްއެމް

ރޯދަމަހު އަސާސީ މިފަދަ މުދަލުގެ އަގު އުފުލޭ މައްސަލަ ޙައްލުކުރުމަށް ޤައުމީ ވިޔަފާރި ކުންފުނި އެސްޓީއޯއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން ރޯދަމަހަށް ޚާއްޞަކޮށްގެން އެތެރެކުރި ފިޔަޔާއި ބިހާއި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ވިއްކަން ފަށާފައިވާއިރު އެތަކެތި ހޯލްސޭލްކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅޭކަން އެކުންފުނިން ބުނެއެވެ. އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ އޮފް ފުޑް އެންޑް ބެވެރެޖެސް ފާތިމަތު އާޝާން ވިދާޅުވީ އެކުންފުނިން ފިޔައާއި ބިހާއި އަލުވި ހޯލްސޭލްކުރަނީ މާލޭގެ ދެކުނުފަރާތުގައި ހުންނަ އެސްޓީއޯގެ 6 ނަމްބަރު ކޮށީގައި ކަމަށެވެ. އެކުންފުނިން މިވަގުތު އެތަކެތި ވިއްކަމުން ގެންދަނީ ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 250 ރުފިޔާއަށް، އަދި ބިސް ކޭހެއް 275 ރުފިޔާއަށް ކަމަށާއި ކުރިއަށް އޮތްތާނގައި އަގުތަކަށް އިތުރު ބަދަލެއް އަންނާނެކަމަށް ނުބެލެވޭ ކަމަށް އާޝާން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14634200325337.jpg|އެސްޓީއޯގެ ސީނައަރ ޖެނެރަލް މެނޭޖަރ އޮފް ފުޑް އެންޑް ބެވެރެޖެސް ފާތިމަތު އާޝާން / ފޮޓޯ: ޕީއެސްއެމް

ފިޔައާއި ބިހާއި އަލުވީގެ އިތުރުންވެސް، ޢާންމުކޮށް ބޭނުންވާ ބައެއް ކާބޯތަކެތި އެސްޓީއޯއިން މިއަހަރު ރޯދަމަހަށް ޚާއްޞަކޮށްގެން ވަނީ ގެނެސްފައެވެ. އެގޮތުން ގެރިކިރާއި ކައްކާ ތެޔޮ ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އެސްޓީއޯއިން ބުނީ މިތަކެތި މާލެ ފިޔަވާ އެކުންފުނީގެ ފިހާރަތަށް ހުންނަ އަތޮޅުތަކުންވެސް ލިބޭނެ ކަމަށެވެ. ނަމަވެސް އަތޮޅުތަކަށް ތަކެތި ފޯރުކޮށްދިނުމުގައި މޫސުން ގޯސްވުމުން ބައެއް ދަތިތައް ހުރިކަން އެސްޓީއޯއިން ފާހަގަކުރެއެވެ.