ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދިނުމުގައި ދަތިކަމެއްނެތް: މާލީ ވުޒާރާ


  • ބުރާސްފަތި ދުވަހު އެކަނުވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު ފޮނުވި

  • މިއަދާއި މިހަފްތާވެސް ރުފިޔާ ފޮނުވާނެ

  • މިދުވަސްވަރު ޑިމާންޑުބޮޑީ ސެމިސްޓަރ ފެށޭ ދުވަސްރަށްވާތީ

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭވެސް އެއްގޮތަށް ފައިސާ ދޫކުރަމުންދާކަމަށާއި، މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު އެކި ޤައުމުތަކުގައި ތިބި ކުދިންނަށް ފޮނުވާފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިން ވިދާޅުވީ، މިދުވަސްވަރު އެހާބޮޑު ޑިމާންޑެއް އޮތީ ޖެނުއަރީ އަދި ޖުލައި މަހަކީ އައު ކޯސްތައް ފެށޭ ދުވަސްރެއްކަމަށްވާތީކަމަށެވެ. ރާއްޖެއިން ބޭރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ކިޔަވަންދާކަން ފާހަގަކުރައްވާ މާޒިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު ދަރިވަރުންނަށް ދީފައިވާކަމަށެވެ. އަދި މިއަދާއި މިހަފްތާވެސް އަދި ކުރިއަށް އޮތް ހަފްތާވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވަމުން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިދަނީ ޕޭމަންޓުތައް ދޫކުރަމުން. މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވާނީ އެކި ޤައުމުތަކުގައި ތިބި ކުދިންނަށް ފޮނުވާފަ. އަދިވެސް މިދަނީ ފޮނުވަމުން. ޖެނުއަރީ އަދި ޖުލައި މިއީ އައު ސެމިސްޓަރތަކެއް ފެށޭ ދުވަސްވަރެއްވީމަ ޕޮކެޓުމަނީގެ އިތުރަށް ކޯސްފީތައްވެސް މި ޕްރޮސެސްތެރޭގައި ކުރިއަށްދާނެ. ޖުލައިގަ މިދަނީ ސްޓައިޕަންޑު އެކަންޏެއްނޫން. ވަރަށް ގިނަ ކޯސްތައް ފެށޭ ދުވަސްވަރެއްވީމަ ޓިއުޝަންފީ ޕްލަސް ސްޓައިޕަންޑު ގިނަވާނެ." މާޒިން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވީނަމަވެސް އެއްވެސް ދަރިވަރަކަށް ދޭންޖެހޭ ފައިސާއަކަށް އަދި ލޯނުގެ އަދަދަކަށްވެސް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމަށެވެ. އެކަމާ ގުޅޭ އެއްވެސް މަޝްވަރާތަކެއްވެސް ކުރިއަށް ނުގެންދާކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

"ފައިސާއާ ގުޅުން ހުރިކަންކަން ކުރަމުންދަނީ ފިނޭންސް މިނިސްޓްރީން. ކުދިންނަށް ދޭންޖެހޭ އަދަދު ކަނޑައެޅުމަށްފަހު ފިނޭންސް މިނިސްޓްރީއަށް އަޅުގަނޑުމެން ފޮނުވަނީ. ކަނޑައަޅާފައިވާ އަދަދަށް ބަދަލުގެނައުމުގެ އެއްވެސް މަޝްވަރާތަކެއް ކުރެވެމުން ނުދޭ." މަތީ ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކޯސްފީއާއި، ހެލްތް އިންޝިއުރެންސް ފީއާއި ވިސާގެ ކަންކަމަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް ކިޔެވުމާ ގުޅުންހުރި އެކިކަންކަމަށް ޚަރަދު ކުރަނީ ސަރުކާރުންނެވެ.