ކުޅިވަރު

އިންގްލެންޑްގެ ސަޕޯޓަރުންނަށް މެޗު ބެލުމަށް 17 ހާސް ޕައުންޑަށް ޓިކެޓް ގަންނަން ޖެހިދާނެ: ރިޕޯޓް


ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި އަންނަ ބުދަ ދުވަހުގެ ރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ޓިކެޓް ގަތުމަށް 17 ހާސް ޕައުންޑާ ހަމައަށް ހޭދަކުރަން ޖެހިދާނެ ކަމަށް މީޑިއާ ހަބަރުތައް ބުނެފިއެވެ.

ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނުލިބޭ ސަޕޯޓަރުން މެޗު ބެލުމަށްޓަކައި އެހެން ފަރާތްތަކާއި ވަކިން ބޮޑު އަގުގައި ތާޑްޕާޓީ ސައިޓްތަކުން ގަތުމަށް މިވަރުގެ ހޭދައެއް ކުރަން ޖެހޭނެ އެވެ.

މެޗުގެ ޓިކެޓް ލިބުނު ނަމަވެސް އެ ސަޕޯޓަރުންނަށް އެކޮމޮޑޭޝަނަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހޭނެ އެވެ. އެގޮތުން، ތިން ތަރީގެ ހޮޓެލްތަކުގައި ކޮޓަރިތަކުގެ ރޭޓްތައް މިވަގުތު އުޅެނީ އާއްމުކޮށް އުޅޭވަރަށް ވުރެ 16 ގުނަ މަތީގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ސެމީ ފައިނަލުން މޮޅުވެ، އިންގްލެންޑް ފައިނަލަށް ދަތުރުކޮށްފިނަމަ އެ މެޗުގެ ޓިކެޓް ހޯދައި، 62،000 މީހުންގެ ތެރޭގައި ހިމެނި ޑޯޓްމަންޑްގެ ބީވީބީ ސްޓޭޑިއަމަށް ކުޅިބަލަން ވަނުމަށްޓަކައި ވެސް ބޮޑު ވާދަވެރިކަމެއް އޮންނާނެ އެވެ.

އާދީއްތަ ދުވަހުގައި ޓިކެޓްގެ އަގުތައް ހުރި ގޮތަށް ބަލާއިރު، ވިއާގޯގޯ ގައި ޕްރައިމް ސީޓެއްގައި މެޗު ބެލުމަށް ގާތްގަނޑަކަށް 16،500 ޕައުންޑް، ސްޓަބްހަބްގައި ވީއައިޕީ ޕެކޭޖުގެ ޓިކެޓުގެ އަގުތައް ހުރީ 635 ޕައުންޑުން ފެށިގެން 14 ހާސް ޕައުންޑާ ދެމެދު އެވެ. އަދި ޓިކޮމްބޯގައި 550 ޕައުންޑް އިން ފެށިގެން 12،500 ޕައުންޑާ ހަމައަށް ޕްރައިމް ސީޓެއްގައި އިނދެ ސްކައިބޮކްސް އިން މެޗު ބެލުމަށް ހޭދަކުރަންޖެހޭނެ އެވެ.

މީގެއިތުރުން، ޑޯޓްމަންޑްގެ ގިނަ ހޮޓެލްތަކުގެ ރޫމްތައް ވިކި ހުސްވެފައިވާއިރު ބާކީ ހުރި މަދު އަދަދުގެ ތަންތަނަށް 515 ޕައުންޑުން ފެށިގެން 1،749 ޕައުންޑާ ހަމައަށް ހޭދަކުރަންޖެހޭނެ އެވެ. ބުކިންޑޮޓްކޮމް ގައި ވާގޮތުން ތިން ތަރީގެ ހޮޓެލްތަކުގައި ޑަބަލް ރޫމެއްގެ އަގު 1،546 ޕައުންޑަށް ބުދަ ދުވަހު ހުރިއިރު ޖެހިގެންއައި ދުވަހު އަގުވަނީ 91 ޕައުންޑަށް ދަށަށް ގޮސްފައެވެ.

މުބާރާތުގެ މިހާ ހިސާބަށް އައިއިރު އިނގިރޭސި ސަޕޯޓަރުންގެ ގިނަ ބަޔަކުގެ ފަރާތުން ހުރީ ސުލޫކީ މިންގަނޑާއެއްގޮތަށް ކަމަށާއި، އެކަމަކު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗު ބެލުމަށް ޑުސެލްޑޯފް އެރީނާ އަށް ޓިކެޓްނެތި ވަންނަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޖަރުމަނުގެ ފުލުހުން ވަނީ ބުނެފައެވެ.

މިއާއެކު، އަންނަ ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗަށް ކުޅިބަލަން ވަންނަ ސަޕޯޓަރުންގެ ފަރާތުން އެންމެ ފަހުގެ މުބާރާތުގެ ފައިނަލް މެޗުގައި ފެނިގެންދިޔަ ފަދަ ކަންތައްތަކެއް ނުފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ޖަރުމަނުގެ ފުލުހުން ބުނެއެވެ. އެފަހަރު އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލުމަށްޓަކައި ޓިކެޓްނެތި ވަންނަން އުޅުނު 80 އެއްހާ ސަޕޯޓަރުން ވަނީ ހައްޔަރުކޮށްފައެވެ.