ޚަބަރު

އެމްޑީޕީގެ މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު މޫސާ މަނިކަށް ނުދިން


  • އެމްޑީޕީން އޭނާ ވަކިކުރީ 2014 ވަނަ އަހަރު

  • އެޕާޓީއާއި އަލުން ގުޅުނީ 2022 ވަނަ އަހަރު

  • ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިންގައި އިސްކޮށް އުޅުއްވި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނުމުން އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްއެޕާޓިގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ނިންމަވައިފިއެވެ.

އެމްޑީޕީގެ މާލެ ސިޓީ ރައީސްކަމަށް ވާދަކުރައްވަން މުސާ މަނިކު ފޯމު ހުށަހެޅުއްވުމުން އެފުރުސަތު ނެތްކަން އެމްޑީޕީން ވަނީ އަންގާފައެވެ. މޫސަ ވަނީ އެމްޑީޕީން އެކަން ބަޔާންކޮށް ދިން ޖަވާބު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެމްޑީޕީން މޫސައަށް ދީފައިވާ ޖަވާބުގައި ވަނީ އޭނާ އެޕާޓީން ވަކިކުރީ އަނބުރާ އެޕާޓީއާއި ގުޅިވަޑައިގެންނެވިނަމަވެސް، ފަސް އަހަރު ދުވަހަށް އެއްވެސް މަޤާމަކަށް އަދި އިންތިޚާބަކަށްވެސް ވާދަ ނުކުރެވޭނެގޮތަށްކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މޫސާ މަނިކު އެމްޑީޕީން ވަކިކޮށްފައިވަނީ އޭރު ޕާޓީގެ ވިޕްލައިނާއި ޚިލާފުވުމުން، އެ މައްސަލަ ބެލުމަށް ފަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން 2014 އަހަރު ޑިސެމްބަރު މަހުއެވެ. އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2022 ވަނަ އަހަރުއެވެ.

މިމައްސަލާގައި މޫސާ މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ލީޑަރޝިޕުން އޭނާއަށް ފުރުސަތު ނުދިން ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. އަދި ޕާޓީގެ ލީޑަރޝިޕަށް އޮތް ބިރަކީ ވެރިކަން ލިބުމަށް އޮތް ހުރަހަކަށް ވުންކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް ޕާޓީން ކަނޑާލީ އެހެންވެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

މިމައްސަލަ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް މޫސަ ވަނީ ނިންމަވާފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ ހިލާފަށް ކުރާ ކަމެކެވެ.

މޫސާ މަނިކު 2022 ވަނަ އަހަރު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު އެޕާޓިގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިންގައިވެސް އޭނާ އިސްކޮށް އުޅުއްވިއެވެ.