ޚަބަރު

ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ބޭނުންކުރުމަށް ޤާނޫނެއް އެކުލަވާލުމަށް އެފްއޭއޯގެ އެހީ ހޯދަނީ


  • ވަޒީރު ޝިޔާމްވަނީ އެފްއޭއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވާފައި

  • މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރުމަށް އެފްއޭއޯން ޝައުޤުވެރިކަން ފާޅުކުރި

ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ބޭނުން ކުރުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމަށް އ.ދގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ)ގެ ޤާނޫނީ ލަފައަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.

ވަޒީރު ޝިޔާމް މިކަމަށް އެދިވަޑައިގެންނެވީ އެފްއޭއޯގެ ކޮމެޓީ އޮން ފިޝަރީޒްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިޓަލީވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެފްއޭއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މެނުއެލް ބަރަންޖާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުވުމުގައި މީގެ 40 އަހަރު ކުރިން އެފްއޭއޯގެ އެހީއާއެކު ތަރައްޤީ ކުރެވުނު ފިޝް އެގްރިގޭޓިން ޑިވައިސްތައް ނުވަތަ އޭއެފްއޭޑީ ތަކުގެ ބޭނުންކުރެވޭ މުއްދަތު އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ވަޒީރު އަލިއަޅުވާލެއްވިއެވެ. އަދި މިއަހަރުތެރޭ މެރިކަލްޗަރ ދާއިރާގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން ރާވާފައިވާތީ މިދައިރާއިން ގުޅިގެން މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ބޭނުން ކުރުމުގެ ޤާނޫނެއް އެކުލަވާލުމަށް އެފްއޭއޯގެ ޤާނޫނީ ލަފައަށް ވަޒީރު ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ. އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި އެފްއޭއޯއިން އަދާކުރާ ދައުރު ފާހަގަ ކުރައްވާ، ހިޖުރަ ކުރާ ކަނޑުގެ ވަސީލަތްތައް މެނޭޖް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި، އެފްއޭއޯއިން ވަނީ ރާއްޖޭއިން އިންޑިއާ ކަނޑުގެ މަސްވެރިކަމުގައި އަދާ ކުރާ ދައުރު ފާހަގަކޮށް ދެފަރާތް ގުޅިގެން މަސައްކަތް ކުރަން ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ގްލޯބަލް އެންވައިރަންމަންޓަލް ފެސިލިޓީ މެދުވެރިކޮށް ބަޔޯޑައިވަރސިޓީ ބިއޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން ތަންފީޒު ކުރުމަށް ފަންނީ އެހީ ދިނުމަށް ތައްޔާރަށް އޮތްކަން އެފްއޭއޯއިންވަނީ މިބައްދަލުވުމުގައި ހާމަކުރައްވާފައެވެ.

މިބައްދަލުވުމުގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޝިޔާމް އިޓަލީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިޓަލީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ނައިބު ރައީސް ޖަންމާރކޯ ޗެންޓިނާއިއޯއާ ވަނީ ބައްދަލު ކުރައްވާފައެވެ. އިޓަލީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މިބައްދަލުވުމުގައި ދެ ޤައުމު ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ވަރުގަދަ ގުޅުމަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި، ވަޒީރު ޝިޔާމް ވަނީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސަށް އަރުވާފައެވެ. އެގޮތުން ސްޕޯޓްސް ފިޝިންގް މެރީނާތަކާއި މެރިކަލްޗަރގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތު ކުރުމަށް އިންވެސްޓް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދެއްވިއެވެ. އަދި ރާއްޖޭގެ މަހަށް ޔޫރަޕިއަން ޔޫނިއަންގެ ޑިއުޓީ ކަނޑާލުމަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތުވެސްވެސް ވަޒީރު ޝިޔާމްވަނީ ހިއްސާކުރައްވާފައެވެ.

މިމަހުގެ 7 އިން 13 އަށް އިޓަލީވިލާތައް ވަޒީރު ޝިޔާމް ކުރައްވާ މިދަތުރުފުޅަކީ އ.ދގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.