ޚަބަރު

ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭ: ހުކުރު ޚުޠުބާ


  • މިއަދުގެ ޚުޠުބާގެ މައުޟޫއަކީ، "ޢާޝޫރާ ދުވަހުގެ މާތްކަން"

  • ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް

  • އެއީ ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނު ޣަރަޤުކުރެއްވި ދުވަސް

ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަން ކަމަށް ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގެ މައުޟޫއަކީ، "ޢާޝޫރާ ދުވަހުގެ މާތްކަން" މިއެވެ.

ޚުޠުބާގައި ވިދާޅުވީ މުސްލިމުންނަށްޓަކައި، މާތްﷲ ޚާއްޞަކުރައްވާފައިވާ ދުވަސްތަކުގެ މަތީން ހަނދާންކޮށް އެއިން ޢިބްރަތް ޙާޞިލުކުރުން ޖެހޭ ކަމަށެވެ. އެއީ އެކަލާނގެ ނިޢުމަތްތައް ހަނދާންކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށްޓަކައިކަމަށެވެ.

އެގޮތުން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަމަށާއި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ މިފަދަ ޙާދިސާތަކުގައި، ގިނަ ޢިބުރަތްތަކާއި ދަރުސްތައްވާކަމަށެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، މާތް ﷲ އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅުކަމަށެވެ.

ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަން ކަމަށާއި، އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އަދި ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށާއި މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެކަން ކަމަށެވެ.

"މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަން ރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نِعْمَة ދެއްވުމަށް، އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) އިމާމުން ކަމުގައި އެއުރެން ލެއްވުމަށް. އަދި ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށް، އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށް. އަދި ފިރުއައުނާއި ހާމާނާއި އެމީހުންގެ ލަޝްކަރަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައި،" ޚުޠުބާގައި ވިދާޅުވިއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބަޔާންކޮށް ދެއްވަމުން ރަސޫލާ ޙަދީޘްކުރައްވާފައިވަނީ އެދުވަހު ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއް ކަމުގައި ތިމަން ކަލޭގެފާނު އުއްމީދު ކުރައްވާކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ، ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ ޢަމަލުކުރާންވީގޮތް، ކީރިތި ރަސޫލާގެ ސުއްނަތުން އެނގޭކަމަށެވެ.

"ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ޚިލާފުވާށެވެ! އެދުވަހާއެކު އޭގެ އެއް ދުވަސް ކުރިން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސްފަހުން (އެބަހީ: އެގާރަވަނަ ދުވަހު) ތިޔަބައިމީހުން ރޯދަހިފާށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވާފައި ނެތްކަމަށެވެ.

މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެއް ކަމާއި، ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.