ޚަބަރު

ދައުރުވަމުންދަނީ ކުރީގެ ލިސްޓެއް، ޖަމްޢިއްޔާތަކުގެ ފުރިހަމަ ލިސްޓެއް ޢާންމުކުރާނަން: ވުޒާރާ


  • މިއަދު ނޫނީ މާދަމާ އައު ލިސްޓު އާންމުކުރާނެ

  • ޤަވާއިދާ އެއްގޮތަށް ލިޔެކިޔުން ހުށައަޅާ ހުރިހާ ޖަމްޢިއްޔާއެއް ހިމެނޭނެ

ރާއްޖޭގައި ހިންގަމުން އަންނަ ޖަމްޢިއްޔާތަކުގެ ލިސްޓުކަމަށް ބުނެ ދައުރުވަމުންދަނީ ކުރީގެ ލިސްޓެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ ލިސްޓުގައި 642 ޖަމްޢިއްޔާއެއް އެބައޮތެވެ. ނަމަވެސް އެ ލިސްޓުގައި ރާއްޖޭގައި ވަރަށް ޙަރަކާތްތެރި ބައެއް ޖަމްޢިއްޔާތައް ހިމެނިފައި ނުވާކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ދީނީ ހޭލުތުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކާއި، އެނޫންވެސް ހަރަކާތްތެރި ޖަމްޢިއްޔާތައް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީގެ އެންމެހާ ކަންކަން ބަލަހައްޓަމުން އަންނަ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދައުރުވަމުންދަނީ އަދާހަމަ ނުވަތަ އަޕްޑޭޓެޑް ލިސްޓެއް ނޫންކަމަށެވެ. އެއީ ކުރީގެ ލިސްޓެއްކަމަށާއި، ފުރިހަމަ އައު ލިސްޓު ޢާންމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން މިއަދު ނުވަތަ މާދަމާ އައު ލިސްޓު ޢާންމުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތައް ހިންގުމުގެ ޤަވާއިދާ އެއްގޮތަށް، ލިޔެކިޔުންތައް ހުށަހަޅާ، އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވާ އެއްްވެސް ޖަމްޢިއްޔާއެއް ލިސްޓުން އުނި ނުކުރާނެކަމަށެވެ.

ކުރިން ނެރުނުކަމަށް ބުނާ ލިސްޓުގައި ނުހިމެނޭ ބައެއް ޖަމްޢިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުއް ސަލަފާއި، ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމްގެ މައުމޫން ފައުންޑޭޝަނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްވެ އުފެއްދެވި ޖަމިއްޔަތުއް "ރަޙްމާ" ހިމެނެއެވެ.