ޚަބަރު

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެވަނަ ބެޗު އަންނަ މަހު ފަށަނީ


  • ތަމްރީންތައް ކުރިއަށްދާނީ ކޮންމެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ

  • ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދޭނެ

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 2 ވަނަ ބެޗުގެ ކިޔެވުން އަންނަ މަހު ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ދެވަނަ ބެޗުގެ ތަމްރީންތައް އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 2 ވަނަ ބެޗުގައި ބައިވެރިވުމަށް 206 ދަރިވަރަކު ވަނީ ފޯމު ހުށައަޅާފައެވެ. އަދި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށްވެސް 2 ވަނަ ބެޗުން ފުރުޞަތުދޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ތަމްރީން ޕްރޮގުރާމުގައި ބައިވެރިވާން ފޯމު ހުށައެޅި ދަރިވަރުންގެ އިންޓަވިއުތަކެވެ. 2 ވަނަ ބެޗުގެ ތަމްރީންތައް ކުރިއަށްގެންދާނީ ކޮންމެ ބުރާސްފަތި ދުވަހަކާއި ހޮނިހިރު ދުވަހެއްގެ ރޭގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގެ އިމްތިހާން ތިން ސަރަހައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރުން އައްޑޫ ސިޓީއާއި މ. އަތޮޅުގައި ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައްދޭނެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބޭނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.