ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ހައި ޕާފޯމަންސް ކްރިކެޓް ޕްރޮގްރާމްއެއް ފަށައިފިއެވެ.
މި މަހުގެ 13-22 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ހަތް ދުވަހުގެ މުއްދަތަށް ހިންގޭ ޓްރެއިނިން ކޭމްޕެއް ކަމަށް ކްރިކެޓު ބޯޑުން މައުލޫމާތުދެއެވެ.
މި ކޭމްޕްގައި ޓްރެއިނިންތައް ކުރިއަށްދާނީ އޮސްޓްރޭލިއާގެ މަޝްހޫރު ހައި ޕާފޯމަންސް ކޯޗު އެލަން ކޭމްބެލް ގެ ބެލުމުގެ ދަށުންނެވެ. އެލަންއަކީ ހައި ޕާފޯމަންސް އަދި ކްރިކެޓް މެނޭޖްމަންޓުގެ ރޮނގުން 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކޯޗެކެވެ. އަދި އޮސްޓްރޭލިއާގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކަކަށް އޭނާ ވަނީ ޓްރެއިނިން ފުރިހަމަކޮށްދީފައެވެ
އެލަން ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސް ސްޓޭޓް ޓީމްގެ ސެލެކްޓަރުކަން 13 އަހަރު ކޮށްފައެވެ. އަދި އެލަން ވަނީ އިންޑިއާގެ އައިޕީއެލް ޓީމް ކިންގްސް އިލެވަން ޕަންޖާބްގެ ހައި ޕާފޯމަންސް ކޯޗުގެ މަޤާމްވެސް ފުރާފައެވެ. ނިއު ސައުތުވޭލްގެ ޓެލެންޓް އައިޑެންޓިފިކޭޝަން ޕްރޮގްރާމްގެ ތެރެއިން ވަރަށް ގިނަ އޮސްޓްރޭލިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މި ކުޅުންތެރިން ވަނީ އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް ކުޅެފައެވެ. މީގެ ތެރޭގައި، ބްރެޑްލީ، ސްޓީވް ސްމިތު، ޑޭވިޑް ވޯނާ އަދި އުސްމާން ކްވާޖަރ ފަދަ ކުޅުންތެރިން ހިމެނެއެވެ.
ކޭމްޕް ފެށުމަށް ބޭއްވި ހަފްލާގައި، ބޯޑުގެ ރައީސްވަނީ މި ކޭމްޕް ބޭއްވުމަށް އެހީތެރިވެދީފައިވާތީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޭމްޕް ބޭއްވުމަށް ހައި ޕާފޯމަންސް ކޯޗެއް ހޯދުމަށް އައިސީސީން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުޅުންތެރިން މި ކޭމްޕްގެ ބޭނުން ފުރިހަމަގޮތުގައި ހިފާ، އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރުމަށް ބާރުއެޅިއެވެ.
ސީބީއެމުން އިންތިޒާމްކުރާ މި ކޭމްޕްގައި، މިއަހަރު މެލޭޝިއާގައި ބާއްވާ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ސްކޮޑުގެ ކުޅުންތެރިންނާއި، 16 އަހަރާއި 19 އަހަރުން ދަށުގެ ސްކޮޑުގެ ހޮވާލެވޭ ކުޅުންތެރިން ބައިވެރިވާނެއެވެ. އަދި ބޯޑުގެ އަންހެން ކްރިކެޓް ސްކޮޑްގެ ބައެއް ކުޅުންތެރިންވެސް ބައިވެރިވާނެއެވެ. މިއީ ބޯޑުގެ “ޓުވާޑުސް 2030” ޕްރޮގްރާމްގެ ދަށުން ހިނގޭ ކޭމްޕެކެވެ.