ޚަބަރު

މާލޭގައި ހުރި ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުގައި ވައި ސާފުކުރާ ނިޒާމް ޤާއިމްކުރަން ފަށައިފި


  • ވައި ސާފުކުރާ ނިޒާމު މިހާރު ޤާއިމްކޮށްފައިވަނީ 4 ނަމްބަރު ސްޓޭޝަންގައި

  • ނިޒާމާއެކު ވައިގެ 99 އިންސައްތަ ސާފުވާނެ

  • ޖައްވުން ނުބައިވަސްދުވާ މައްސަލަ ހައްލުވާނެ

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީން މާލޭގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހުރިހާ ޕަމްޕް ސްޓޭޝަނެއްގައި ވައި ސާފުކުރާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

ވައި ސާފުކުރާ ނިޒާމު އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީން ޤާއިމްކޮށްފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މާލޭގައި ހުންނަ 9 ޕަމްޕް ސްޓޭޝަންވެސް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށާއި ސްޓޭޝަންތަކުން ބޭރުކުރާ ވައިގައި ހުންނަ ނުބައިވަހުން ގިނަ ބަޔަކު ޝަކުވާކުރާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މިގޮތަށް ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި ކަންކަން ރަނގަޅުކުރުންކަމަށް މަތީން ވިދާޅުވިއެވެ. މިހެންވެ ކުންފުނީގެ ނަރުދަމާ ނިޒާމުގެ ހުރިހާ ޕަމްޕް ސްޓޭޝަންތަކުގައި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް ވައި ސާފުކުރާ ފިލްޓަރ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ.

"މާލޭގައި އެބަހުރި 9 ޕަމްޕް ސްޓޭޝަން. ދެން މި ނިޒާމު ހަރުކުރާނީ މާލޭގައި ހުރި 2 ނަންބަރު ޕަމްޕް ސްޓޭޝަންގައި. މި ޕްރޮގުރާމަކީ 1 އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެއް." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ވައި ސާފުކުރާ ނިޒާމާއެކު ސްޓޭޝަންތަކުން ޖައްވަށް ބޭރުވާ ވައިގެ 99 އިންސައްތަ ސާފުވާނެކަމަށެވެ. އަދި މިނިޒާމަށް ބޭނުންކުރާ ކަރަންޓަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމަށާއި ކަރަންޓު ދިނުމަށް ސޯލަރ ސިސްޓަމްތަކެއް ހަރުކުރާނެކަމަށްވެސް މަތީން ވިދާޅުވިއެވެ.

މާލޭގައި ހުންނަ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަނުން ނުބައި ވަސް ބޭރުވުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް ވައި ސާފުކުރާ ނިޒާމާއެކު ރައްޔިތުންގެ މިކަންބޮޑުވުމަށް ހައްލު ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.