ޚަބަރު

މަޖިލީހުގެ އުމުރު ހަމަވާއިރު ނުނިމިހުރި ގަރާރާއި މައްސަލަތައް ބާޠިލުވާ ގޮތް ހަދަނީ


  • ދައުރު ހަމަވުމުން ބިލާއި ގަރާރާއި މައްސަލަތައް ބާޠިލްވާގޮތަށް ލަފާދެއްވީ ކައުންސެލް ޖެނެރަލް

  • އެ ލަފަޔާ އެއްގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނަން ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުން

  • 19 ވަނަ މަޖިލީހުގެ ގަވާއިދުގައި އޮންނަނީ ހަމައެކަނި ބިލުތައް ބާޠިލްވާގޮތަށް

ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުން، މަޖިލީހުގައި ނުނިމި ހުރި ބިލުތަކާއި މައްސަލަތަކާއި ގަރާރުތައް ބާޠިލްވާގޮތަށް 20 ވަނަ މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އާންމު ކޮމިޓީގައި މިހާރު ކުރިއަށްދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތެވެ. ބުރާސްފަތިދުވަހު ކުރިއަށްދިޔަ އާންމު ކޮމިޓީގެ ބައްދަލުވުމަށް މަޖިލީހުގެ އުމުރު ހަމަވާއިރު ނުނިމި ހުންނަ ބިލުތަކާއި މައްސަލަތަކާއި ޤަރާރުތަކާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާގެ ލަފައެއް ވަނީ ހުށައަޅާފައެވެ.

ކައުންސެލް ޖެނެރަލްގެ ލަފާގައިވަނީ މިދިޔަ 19 ވަނަ މަޖިލީހުގެ ގަވާއިދުގެ 103 ވަނަ މާއްދާގައި ބަޔާންކުރާ މަޖިލީހުގެ އުމުރު ހަމަވާއިރު މަޖިލީހުގައި ނުނިމި ހުރި ބިލުތައް ބާޠިލްވާނެކަމަށް އޮންނަ އޮތުން ބަދަލުކުރުމަށެވެ. އެގޮތުން މިއިބާރާތުގައި ބިލުތަކުގެ އިތުރުން ގަރާރުތަކާއި މައްސަލަތައްވެސް ބާޠިލުވާ ގޮތަށް ބަދަލުކުރުމަށްވަނީ ލަފާދެއްވާފައެވެ. އަދި ކުރިން އެބިލު ހުށައެޅި ފަރާތަށް އަލަށް އިންތިޚާބުވާ މަޖިލީހަށް އަލުން އެ ބިލެއް ހުށައެޅިދާނެކަމަށް އޮންނަ ޢިބާރާތް އުނި ކުރުމަށްވެސްވަނީ ލަފާދެއްވާފައެވެ.

މިލަފަޔާ އެއްގޮތަށް 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލާއިރު އެކަން ހިމެނުމަށް ކޮމިޓީއަށް ހުށައެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އަދި މިހުށައެޅުމަށް ތާޢީދު ކުރެއްވީ އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނެވެ. މި ހުށައެޅުން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މަޖިލީހުގެ އުމުރެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރަނީ މަޖިލިސް އިންތިޚާބު ކުރުމަށްފަހު، ފުރަތަމަ ޖަލްސާކުރާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ.

19 ވަނަ މަޖިލީހުން އަމަލުކުރަމުން އައި ގަވާއިދުގެ ދަށުން މަޖިލީހުގެ އުމުރު ހަމަވުމުން ބާޠިލް ވާނީ ނުނިމި ހުރި ބިލްތައް އެކަންޏެވެ. ކުރިން ހުށައެޅުނު މައްސަލަތަކާއި ގަރާރުތައް އައު މަޖިލީހުގެ މަސައްކަތްތަކުގެ ގޮތުގައި ހުންނާނެއެވެ. ނަމަވެސް ކޮމިޓީން ފާސްކުރި ގޮތަށް 20 ވަނަ މަޖިލީހުގެ ގަވާއިދު ފާސްވެއްޖެނަމަ، އެކަން ބަދަލުވާނެއެވެ. އަދި ކުރިން ބިލެއް ހުށައެޅި މެންބަރަށް ހަމަ އެ ބިލު، އައު މަޖިލީހަށް ހުށައެޅުމުގެ ފުރުޞަތު 103 ވަނަ މާއްދާގެ ދަށުން ނޯންނާއެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލެވެންދެން އަމަލުކުރަމުންދާނީ 19 ވަނަ މަޖިލީހުގެ ގަވާއިދަށެވެ.