ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި 3 ވަޒީރަކު ޗައިނާއަށް ވަޑައިގަންނަވަނީ


  • ޗައިނާއަށް ވަޑައިގަންނަވަނީ ޚާރިޖީ ވަޒީރާއި އިމާރާތްކުރުމާއި ބެހޭ ވަޒީރާއި މާލީ ވަޒީރު

  • މިދަތުރުފުޅު ކުރައްވަނީ މިމަހުގެ 20 އިން 24 އަށް

  • ދަތުރުފުޅުގައި ޗައިނާގެ ކުންފުނިތަކާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ 3 ވަޒީރަކު މިމަހު ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މިމަހުގެ 20 އިން 24އަށް ތިން ވަޒީރުން ޗައިނާއަށް ވަޑައިގަންނަވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ، ރާއްޖޭގެ ޚާރިޖީ ވަޒީރަށް ދެއްވި ދަޢުވަތަކަށް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާގެ ގިނަ ކުންފުނިތަކަކާ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މިދަތުރުފުޅުގައި ވަޒީރުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް، ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.