ޚަބަރު

ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ލަންކާ އަތުންވެސް ބަލިވެއްޖެ


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުގައި ސްރީ ލަންކާ އަތުންވެސް ބަލިވެއްޖެ އެވެ.

މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ކިރްގިސްތާނު އަތުން ތިން ސެޓުން ބަލިވެފައެވެ. މިއަދު ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީވެސް ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-08 ، 25-09 އަދި 25-16 އިންނެވެ.

މިއީ މި މުބާރާތުގައި ލަންކާގެ ދެވަނަ މޮޅެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ނޭޕާލާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-1 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ރާއްޖެ އަތުން ހޯދި މޮޅާއެކު ލަންކާއަށް ވަނީ ރޭންކުގެ އެއްވަނައަށް ވަގުތީ ގޮތުން އަރާފައެވެ.

ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ދިވެހި ޓީމުން ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ލަންކާއިން ވަނީ ގޭމުގެ ކޮންޓްރޯލް އަތުލާފައެވެ. އެއާއެކު ރާއްޖެ ޓީމުން ގިނަ ގޯސްތަކެއް ހެދިތަން ފެނުނެވެ. އޭގެ ފައިދާ ލަންކާއިން ވަރަށް ބޮޑަށް ނެގިއެވެ. ފުރަތަމަ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-08 އިންނެވެ.

ދެވަނަ ސެޓުގައި ދިވެހި ޓީމު ފެނުނީ ފުރަތަމަ ސެޓަށްވުރެ ދަށްކޮށެވެ. ފުރަތަމަ ސެޓާ އެއްގޮތަށް މި ސެޓުގައިވެސް ރާއްޖެއިން ރަނގަޅު ވާދައެއް ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން ލަންކާއިން މެޗުގެ ކޮންޓްރޯލް ނެގުމުގެ ސަބަބުން ދިވެހި ޓީމަށް ދެވަނަ ސެޓުވެސް ގެއްލުނެވެ. މި ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-09 އިންނެވެ.

ތިންވަނަ ސެޓަކީ ދިވެހި ޓީމުން ގިނަ ކަންކަން ރަނގަޅުކުރި ސެޓެކެވެ. ހާއްސަކޮށް ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މާޔާގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކުރި އެވެ. މި ސެޓުން ބަލިވި ނަމަވެސް ދިވެހި ކުޅުންތެރިން ވަނީ ލިބުނު ދަނޑިވަޅުތަކުގައި ވަރަށް ބޮޑަށް ހިތްވަރުކޮށްފައެވެ. ތިންވަނަ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 16-25 އިންނެވެ.

މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. އެ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރެވެ.