ޚަބަރު

ބައި-އިލެކްޝަންތަކުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން އިލެކްޝަނުން އިލްތިމާސްކޮށްފި


  • ބައި-އިލެކްޝަންތަކަށް ކޮމިޝަނުން ބޮޑު ޚަރަދެއް ކުރޭ

  • 13 ހާސް މީހުންނަށް ވޯޓު ލެވޭ

  • 12 ޖެހުމާ ހަމައަށް ވޯޓުލީ 1800 މީހުން

މިހާރު ކުރިއަށްދާ ކައުންސިލް ބައި-އިލެކްޝަންތަކުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

6 ކައުންސިލް ބައި-އިލެކްޝަނެއްގެ ވޯޓުލުން މިއަދު 8 ޖެހިއިރު ވަނީ ފަށާފައެވެ. ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ބައި-އިލެކްޝަންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ އުނައިސް ވިދާޅުވީ ބޮޑު ޚަރަދެއްކޮށް، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނެ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައިވޯޓުލާ މަރުކަޒުތައް ޤާއިމްކޮށްފައިވާކަމަށް އުނައިސް ވިދާޅުވިއެވެ.

އަދި މިގޮތަށް ބޮޑު ޚަރަދެއްކޮށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވާއިރު ވޯޓުލުމުގެ ޙައްޤު ކޮންމެ މީހަކު އަދާކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަން އުނައިސް ފާހަގަކުރެއްވިއެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބޭ ކޮންމެ ރައްޔިތަކުވެސް ވީހާވެސް އަވަހަކަށް ވޯޓުލުމަށް އުނައިސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ތަފާސްހިސާބަށް ބަލާއިރު ކޮންމެ ބައި-އިލެކްޝަނެއްގައިވެސް ވޯޓަރ ޓާނައުޓް ނުވަތަ ވޯޓުލާން އަންނަ މީހުންގެ އަދަދު ދަށް. އަޅުގަނޑުމެންގެ އަބަދުވެސް އިލްތިމާސަކީ ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްޤު އަދާކުރުން." އުނައިސް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި 13112 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. މީގެ ތެރެއިން މިއަދު 12 ޖެހުމާ ހަމައަށް ވޯޓުލުމުގެ ޙައްޤު އަދާކޮށްފައިވަނީ 1894 މީހުންނެވެ.

ވޯޓުލުން ކުރިއަށްދަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

ވޯޓުލުން ކުރިއަށްދާ ދާއިރާތައް:

• ހެންވޭރު ހުޅަނދު ދާއިރާ
• މައްޗަންގޮޅި މެދު ދާއިރާ
• ހުޅުމާލެ ދާއިރާ
• ކުޅުދުއްފުށި އުތުރު ދާއިރާ
• ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި
• ބިލެތްދޫ ކައުންސިލްގެ ރައީސް

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ޖަމާލުއްދީން ސްކޫލާއި، ހެންވޭރު ދަނޑާއި، ހުޅުމާލެ ރެހެންދި ސްކޫލާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ. އަދި އަތޮޅު ތެރޭގެ ބައި-އިލެކްޝަންތަކަށް ފޮށި ބަހައްޓާފައިވަނީ ހދ އަތޮޅު ތަޢުލީމީ މަރުކަޒާއި ރަސްމާދޫއާއި ބިލެތްދޫ ސްކޫލް ހޯލުގައެވެ. އަދި މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ޙައްޤު ލިބޭ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ޖަމާލުއްދީ ސްކޫލްގައި ފޮއްޓެއްވަނީ ބަހައްޓާފައެވެ.