ޚަބަރު

އެކި ކުށްކުށަށް އަރައިގަނެގެން ޑީޕޯޓްކޮށްލި ބިދޭސީންގެ ޢަދަދު 200އިން މަތީގައި


  • މިހާތަނަށް 2069 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައި

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންދަނީ ވަށައިޖެހޭ ހައްލަކާ ދިމާއަށް މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ތެރެއިން ކަމާއި ގުޅޭ މުއައްސަސާތަކުން ހާއްސަ އޮޕަރޭޝަންތައްވެސް ދަނީ ހިންގަމުންނެވެ. އެގޮތުން އިމިގްރޭޝަނުން ޢާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި އެކި ކުށްކުށަށް އަރައިގަންނަ ބިދޭސީންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. 17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށް 153 ތަނެއް ބަލާފާސްކޮށް، މިހާތަނަށް 2069 ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހިއްސާ ކުރެއްވި މައުލޫމާތުތަކަށް ބަލާއިރު ހަށިވިއްކުމާއި ޑްރަގާއި ގޭންގް މާރާމާރީތަކުގެ އިތުރުން ކަޅު ބާޒާރުގައި ބޭރުގެ ފައިސާގެ މުއާމަލާތް ހިންގުމަށް ވެސް ގިނަ ޢަދަދަކަށް ބިދޭސީން ހަރަކާތްތެރިވަމުންދެއެވެ. މިފަދަ ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަނުން ވަނީ އެފަދަ މީހުން މިހާރު ރާއްޖެއިން ޑީޕޯޓްކޮށްފައެވެ.

ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށްކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 8 ބިދޭސީއަކާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންގެ އިތުރުން ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި އުޅުނު 141 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އަދި އިމިގްރޭޝަނުން ބަލުމުންދާ އެކި މައްސަލަތަކުގައި ހޯދަމުންދިޔަ 15 ބިދޭސީންނާއި ވިސާ އަދި ލިޔެކިޔުމަށް ބަދަލު ގެނެސްގެން 9 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.


މިފަދަ ކުށްތަކަށް ބިދޭސީން އަރައިގަންނަމުންދާއިރު ޓޫރިސްޓް ވިސާގައި ވެސް ރާއްޖެ އެތެރެ، ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު 1289 ބިދޭސީން ވަނީ ހުއްޓުވާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޓޫރިސްޓް ވިސާގައި މަސައްކަތް ކުރުމަށްޓަކައި އެތެރެވާ ބިދޭސީންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށެވެ. އޭގެ އިތުރުން ވާރކްޕާމިޓާއި ވާރކް ވިސާ ފޯޖުކޮށްގެން 22 ޤައުމަކަށް ނިސްބަތްވާ 341 ބިދޭސީއެއް ރާއްޖެ އެތެރެވާން އުޅުމުން ވަނީ ހުއްޓުވާފައެވެ.

އިމިގްރޭޝަނުން ވަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ ރިޕޯޓްކޮށްފައެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.